ފޮރިން މިނިސްޓްރީ

މޯދީއާ ދިމާކޮށްލި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފި

ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

ބޭރު ގައުމުތަކުގެ ވެރިންގެ ދިފާއުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ ސަރުކާރުގެ އިސްވެރިން ހިމެނޭހެން ބައެއް ދިވެހިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ސޯޝަލްމީޑިއާގައި ވަރުގަދަ ކޯޅުމެއް ހިނގަމުން ދަނިކޮށެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ބޭރު ގައުމުތަކުގެ އިސްވެރިންނާއި އެހެނިހެންވެސް އިސް ބޭފުޅުންނާ މެދު އިހާނެތިކޮށް ދައްކާ ވާހަކަތަކަކީ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި. ނަފްރަތާއި، ނެގެޓިވް ގޮތްތައް ނުފަތުރާ، ރާއްޖެއާއި ބައިނަލްއަގްވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް" ބަޔާނުގައިވެ އެވެ.

މިބަޔާނަށްފަހު ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބައެއް ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ފާޑުވިދާޅުވެ ދިވެހިންތަކެއް ޕޯސްޓް ކުރަމުންދިޔަ މައްސަލައިގައި އެންމެ ފުރަތަމަ ނުރުހުން ފާޅުކޮށް މައްސަލަ ފެންމަތި ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ޓެގް ކުރައްވާ ސަރުކާރުގެ އިސް ބޭފުޅުން އިންޑިއާއަށް ބޭއަދަބީކޮށް މުހާތަބް ކުރައްވާ ކަމަށް ސިފަކުރައްވާ ފާޑުކިޔާފަ އެވެ.

ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި ރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރަށް އަމާޒުކުރައްވާ ޝިއުނާ ފާޑުވިދާޅުވެފައިވަނީ "ބިރުވެރި" ބަސް މަގަކުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ފާޑުވިދާޅުވެ ދިވެހިންތަކެއް ޕޯސްޓް ކުރި މައްސަލަ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކާއި ބައެއް ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ކުށްވެރިކުރަމުންނެވެ.