ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އެޑިޔުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ދެއްވި ލަފާގެ މަތިންނެެވެ.
ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން އައީވެސް ޖެނުއަރީގައެވެެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ތާރީހް އޮގަސްޓަށް ބަދަލުކޮށްފަ އެވެ.
ދިރާސީ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ނިންމީ ކުއްލިއަކަށް މި ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް ގެނެވޭ ބައެއް އިސްލާހްތަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަން ހާސިލްކުރެވޭ ގޮތަށް ބަދަލުތައް ގެނައުމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހުގައި ލިބޭގޮތަށް އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފެށިގެންދާ ގޮތަށް ބަދަލުތައް ގެނައުމަށްވެސް ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.
ދިރާސީ އަހަރަށް ސަރުކާރުން މިގެންނަ ބަދަލާ އެކު ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް ދިނުމަށާއި ޑިސެންބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދިނުމަށްވެސް ނިންމާފައިވެ އެވެ.