ޕާކިން ޖާގަ ހެދެންދެން ވެހިކަލްތަކުގައި ސްޓިކާ ޖެހުން މަޑުޖައްސާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތުމުން ޕާކީން ޖާގައެއް ހެދެންދެން ސްޓިކާ ޖެހުން ތަންފީޒުކުރުން ހުއްޓާލާފައިވާ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި މި ހަތަރު ޕާކިން ބިލްޑިންގެ މަސައްކަތް މި މަހުގެ ތެރޭގައި އެއްފަހަރާ ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި އަމީނީމަގުގައި ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި އާއި ހ. ސަމޯސާވިލާ ގެއިންނާއި އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުށްގަނޑު ސަރަހައްދާއި މާފަންނު ކޮރަލް ބޮލެވާޑް ސަރަހައްދުން ޕާކިންއަށް ވަނީ ބިން ދޫކޮށްފަ އެވެ. އަދި ހައިކޯޓު ކައިރިން މ. ސްޓާލިން އަދި ލާމި ގޭގައިވެސް ވަނީ ޕާކިން ޒޯނެއް ހަދާފަ އެވެ.