ދުނިޔެ

ހިޒްބުﷲއާ ހަނގުރާމަ ފަށައިފިނަމަ ޔަހޫދީން ބަލިވެދާނެ: އެމެރިކާ

ހިޒްބުﷲ ނައްތާލުމަށްޓަކައި ލުބްނާނަށް ހަމަލާދޭން ޖެހިދާނެ ކަމަށް ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތީ ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވީ ޔަހޫދީންގެ ބޯޑަރުގައި އިންވެ ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން ނައްތާލުމަކީ ވައުދެއް ކަމަށެވެ.

ޒަޔަނިސްޓުންގެ ހަރަކާތްތައް ހުރީ އެމެރިކާ ދެކޭ ގޮތުގައި ބިރުބޮޑު ގޮތަކަށެވެ. އެމެރިކާ ބުނާ ގޮތުން ހިޒްބުﷲ އަށް ހަމަލާދޭން ހަދައިގެން ހަނގުރާމައިގެ މައިދާނުގައި ޔަހޫދީން ބަލިވެ އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ވެސް ބަލިވެދާނެ ކަމަށެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތައް ބަލައިދިނުމަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެއް ބަލައިގަނެ މިހާރު އޮތީ އަޑުއެހުންތަކާ ހިސާބުގަ އެވެ.

ހަމާސްއާ ހަނގުރާމަކުރަމުން އަދި އިސްލާމިކް ޖިހާދަށް ހަމަލާދެމުން ހިޒްބުﷲ ފަހަތުން ދުވާހާވަރު ޔަހޫދީ އަސްކަރިއްޔާގައި ނުހުންނާނެ ކަމަށް އެމެރިކާ ބުނެ އެވެ. އެއްފަހަރާ ނުހެފޭ ވަރަށް އަނގަޔަށް އަޅަން ހަދައިގެން އޯކަދެމި ހޮޑުލެވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.

އެމެރިކާ އިން އެއްބާރުލުން ދީގެން ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މާގިނައިން މީހުން މަރުވާ ކަމަށް އެމެރިކާ ބުނެ އެވެ. އެކަމަކު ހަމަލާތައް ހުއްޓާލާކަށް ބުނާކަށް އެރިކާއަކަށް ނުކެރެ އެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ވެއްދުމަށާއި ހަމަލާތަކަށް ލުއިދިނުމަށް ބާރުއެޅުއްވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޔަހޫދި އާބާދިތަކަށް ވަޑައިގެން އަނެއްކާވެސް ނަތަންޔާހޫއާ ވަނީ ބައްދަލުކުރައްވާފަ އެވެ.

އެމެރިކާއިން ދުނިޔެއަށް ދައްކުވައިދޭން ބޭނުން ވަނީ އެމެރިކާ އަކީ ސުލްހަ އަށް ލޯބިކުރާ ގައުމެއް ކަމަށެވެ. އެކަމަކު ދުނިޔޭގައި އެންމެ ގިނައިން ޖަރީމާ ހިންގަނީ އެމެރިކާ އަޑީގައި އޮވެގެން އެމެރިކާގެ ރުހުމާ އެކު އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް އެމެރިކާ ތަކުރާރުކޮށް ބުންޏަސް އެކަމުގައި އަމަލީ ސިފަޖެހުމަކީ އެމެރިކާ އެދޭ ގޮތެއް ނޫނެވެ. އަނގަބަހުން ބުނެލައި، ހަބަރު ސުރުޚީތަކަށް އެރުމުން ނިމުނީ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ހަމަޖެއްސުމަކީ އެމެރިކާ އެދޭ ގޮތް ނަމަ މިހާރު އޮންނާނީ އެކަން ހަމަޖެހިފަ އެވެ. އެމެރިކާގެ މަސްލަހަތަކީ -- ފަލަސްތީންގެ ބިންތައް ފޭރިގަނެގެން ތިބި ޔަހޫދީންގެ މަސްލަހަތެވެ.

ފަލަސްތީންގެ ބިންތަކުގައި ޔަހޫދީ ޒަޔަނިސްޓުންނަށް ގެދޮރުއަޅައިދީ އާބާދުކުރުމަކީ އެމެރިކާގެ ރުހުމުގައި ހިންގާ ޕްރޮގްރާމްތަކެކެވެ.