ތުރުކީގެ ބޯޑަރު ކައިރީގައި އޮންނަ، ސީރިއާގެ ކުބާނީ ހިފަން މަސައްކަތްކުރި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އެ ސަރަހައްދުން ފައްސާލައި ކުރުދީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އެތަން ގެންގޮސްފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ކުބާނީ ނުވަތަ އައިނުލް އަރަބް އިން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލައިފި ކަމަށް ބުނެފައި މި ވަނީ ސީރިއާގެ ކުރުދީން އައިއެސްއާ ދެކޮޅަށް ހަމަލާ ދެމުން ގެންދާތާ ހަތަރު މަސް ވެފައި ވަނިކޮށެވެ. ކުރުދީންނަށް އެހީ ވުމަށް އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކުން ކޮންމެ ދުވަހަކުހެން ކުބާނީ އަށް ހަމަލާދެ އެވެ. ނަމަވެސް ކުބާނީން އައިއެސްގެ ހަނގުރާމަވެރިން ހުސްކުރެވިއްޖެ ކަމަށް ބުނަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ އިންކާރުކޮށްފަ އެވެ. އަދި ކުބާނީ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިމުނީ ކަމަށް ބުނަން ވެސް އެމެރިކާ އިން ބޭނުމެއް ނުވެ އެވެ.
"އެ ހަނގުރާމަ ކާމިޔާބީއަކުން ނިމިއްޖެ ކަމަށް ބުނާކަން އަދި ނެތިން. ހަނގުރާމަ އަދިވެސް ދަނީ ކުރިއަށް. ހަމަލާތަކުގައި ކުރި ލިބިފައި ވަނީ އެމެރިކާ އާއި އެކުވެރި ގައުމުތަކަށް. އެކަން އެގޮތުގައި ދަނީ ކުރިއަށް،" ޕެންޓަގަންގެ ތަރުޖަމާނު ކާނަލް ސްޓީވް ވޮރެންއާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައިވެ އެވެ.
އަސްކަރިއްޔާ އިން ކުރިން ބުނެފައި ވަނީ އާދީއްތަ އަދި ހޯމަ ދުވަހު އެކަނި ވެސް ކުބާނީ އަަށް އެމެރިކާ އާއި އިއްތިހާދުން ވައިގެ މަގުން 17 ހަމަލާ ދީފައިވާ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ޕެންޓަގަން އިން ބުނެފައި ވަނީ ކުބާނީގެ 70 ޕަސެންޓް އޮތީ ކުރުދީންގެ އަތްދަށުގައި ކަމަށެވެ.