ދަނބިދޫ

ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ނިކުމެ ދަނބިދޫ ސުކޫލް ބަންދުކޮށްފި

ދެވަނަ ޓާމްގެ ކިޔެވުން މި ހަފްތާގައި ފެށިއިރު ލ. ދަނބިދޫ ސްކޫލްގައި ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭތީ ބެލެނިވެރިން ނިކުމެ ސުކޫލް ބަންދުކޮށްފި އެވެ.

ބެލެނިވެރިން ނިކުމެ ސުކޫލް ބަނދުކޮށް އިހުތިތާޖް ކުރަން ފެށީ ސުކޫލުގައި ކިޔަވައިދޭ މާއްދާތަކުގެ ބައެއް ޓީޗަރުން ހަމަނުވުމާ އެކު ކިޔަވައި ދޭން ނިކުންނަ ޓީޗަރުން މަދުވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ދަނބިދޫ ކައުންސިލްގެ ނައިބް ރައީސް ފަޒީލް ވިދާޅުވީ ކިޔަވައި ދޭން ނިކުންނަ ޓީޗަރުން މަދު އިރުވެސް އެ ރަށު ސުކޫލުގެ ދެ ޓީޗަރަކު ކިޔަވައި ދޭން ނުނިކުންނާތީ އެއް ޓީޗަރަކު އެތައް މާއްދާތަކެއް ކިޔަވައިދޭ ކަމަށެވެ.

"އެ ކުލާހެއްގެ ޓީޗަރު ލައްވާ ފަސް ހަތަރު މާއްދާ ކިޔަވައިދެނީ،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް އިތުރަށް ވިދާޅުވީ ސުކޫލް ސީލިން ވެސް ވަރަށް ބޮޑަށް ހާލަކުވެ އަލުން މަރާމާތު ކުރާ ހިސާބަށް ހާލަތު ގޮސްފައިވާ ކަމަށެވެ. އަދި ޕާޓިޝަންތައް ހަލާކުވެ ކުދިން ބޮލައް ވެއްޓޭ ވަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިހުތިޖާޖު ކުރި ބެލެނިވެރިއަކު ބުނީ އެ ރަށު ސްކޫލްގައި މާއްދާތައް މިހާރު ކިޔަވައިދެނީ އެންމެ ޓީޗަރެއް ކަމަށެވެ. އަދި ސުކޫލް ބަންދުކޮށް އިހުތިޖާޖުކޮށްފައިވަނީ އެކަން ރަނގަޅު ކުރަން ދިން ފުރުސަތުގައިވެސް އެކަން ނުކުރާތީ ކަމަށެވެ.

މި އިހްތިޖާޖުގައި ބެލެނިވެރިން ވަނީ ދަނބިދޫ ސްކޫލްގެ ޕްރިންސިޕަލްގެ އިސްތިއުފާއަށްވެސް ގޮވާފައިވެ އެވެ.

އިހުތިޖާޖު ކުރިއަށް ދިޔަ އެސަރަހައްދުގައި ފުލުހުންވެސް ހަރާކަތްތެރިވި އެވެ.