ދުނިޔެ

އިކުއެޑޯގެ ޓީވީ ސްޓޭޝަނެއްގައި މުވައްޒަފުން ރަހީނުކުރި ބަޔަކު ހައްޔަަރަށް

އިކްއެޑޯގެ ޓީވީ ޝްޓޭޝަނަކަށް ބަޔަކު ވަދެ އެ ތަނުގައި ޑިއުޓީގައި ތިބި މުވައްޒަފުން ރަހީކުރި ބަޔަކު -- ފުލުހުން ވަދެގަނެ ހައްޔަރުކޮށް ޖަލަށް ގެންގޮސްފި އެވެ.

ފުލުހުންގެ ވެރިޔާ ސީޒާ އޯގަސްޓޯ ވިދާޅުވި ގޮތުގައި ޓީވީ ސްޓޭޝަނަށް ވަދެގަތް އެންމެން ތިބީ ފަހަތަށް ބަނދެ -- ވަކި ގޮތެއް ނިމެންދެން ޖަލުގެ ވެއިޓިން ރޫމްގަ އެވެ.

މި ހާދިސާގައި ޓީވީ ސްޓޭޝަންގައި ތިބިހާ ބަޔަކު މިހާރު ވަނީ ސަލާމަތްކޮށް ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާސްކް އަޅައި ފޮރުވިގެން ތިބި ބަޔަކު ބަޑިހިފައިގެން ޓީވީ ސްޓޭޝަނަށް ވަދެގަތީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. އެ މީހުން ވަދެގަނެ ޕްރޮގްރާމްތައް ހުއްޓުވައި ނޫސްވެރިންނާއި ޕްރޮގްރާމް ކޮންޓްރޯލަރުން ހައްޔަރުކޮށް ބިރުދައްކައި ވަކި ކޮޓަރިއަކަށް ޖަމާކުރި ކަމަށް އޮފިޝަލުން ބުނެ އެވެ.

އިކުއޭޑޯގެ ޖަލުތަކުގައި ކުށްވެރިން ހަޅުތާލުކުރުމާ ގުޅިގެން ރައީސް ޑެނިއެލް ނޮބޯގެ އަމުރަކަށް މުޅި ގައުމުގައި އޮތީ އެމެޖެންސީ އިއުލާންކޮށްފަ އެވެ. ޓީވީ ސްޓޭޝަނަށް ބަޔަކު ވަދެގަތީ އެމެޖެންސީ އިއުލާންކޮށްފައި ވަނިކޮށެވެ.

މި ހާދިސާއާ ގުޅިގެން ސިފައިން ބަރުހަތިޔާރު ވެސް ހިފައިގެން ޓީވީ ސްޓޭޝަން ދޮށަށް ޖަމާވެ ވަގުންނަށް އިންޒާރުދިނުމެއް ނެތި ކުއްލި ހަމަލާއަކާ އެކު ސްޓޭނަށް ވަދެގަތީ އެވެ. އަދި އެ ތަނުގައި ތިބި 13 ކުށްވެރިންގެ އަތުގައި ހުރި ހަތިޔާރު އަތުލައި ހައްޔަރުކުރީ އެވެ.

ރަހީނުކުރި މީހުން ސަލާމަތްކުރުމުގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމަކަށް ފުލުހުން އަދި އަމަން ބެލެހެއްޓުމުގައި އުޅުނު އޮފިސަރަކު ވެސް ނުބުނެ އެވެ. ނަމަވެސް، އެ އަވަށުގެ މޭޔަރު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އަށެއްކަ މީހުން މަރުވެ ދެތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މި ހާދިސާއަށް ފަހު ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި އަމަލުތައް ހިންގި ބަޔަކަށް އައްސިފިލާ ވަރުގެ އަދަބެއް ދިނުމަށް ޓެރަރިޒަމްގެ ގާނޫންގެ ދަށުން ދައުވާކުރާނެ ކަމަށެވެ.

ފުލުހުންގެ ވެރިޔާ ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތް ހާލަތަށް ބެލުމެއް ނެތި ގޭންގުތަކުން ބޭނުންހާ ގޮތަކަށް އުޅޭކަށް ދޫކޮށެއް ނުލައްވާނެ އެވެ. އަދި އާދައިގެ ހާލަތުގައި ގޭންގްތަކުން ކުރާ ކުށަށް ދޭ އަދަބަށް ވުރެ -- އެމެޖެންސީ ހާލަތުގައި ކުރާ ކުށަށް ބޮޑެތި އަދަބުތައް ދިނުމަށް މަސައްކަތް ކުރައްވާނެ އެވެ.