އިކުއެޑޯގައި ގުރޫޕަކުން ޓީވީ ސްޓޭޝަނަކަށް ވަދެގަނެ ނޫސްވެރިންނާއި އިދާރީ މުވައްޒަފުން ރަހީނުކުރުމާ ގުޅިގެން -- ސިފައިންނާއި ގޭންގު މެމްބަރުނާ ދެމެދު ހިނގާ ދިޔަ ހާދިސާއަށް ފަހު ގައުމުގެ ހާލަތު މުޅިން ރަނގަޅު ނޫން ކަމަށް ރައީސް ޑެނިއެލް ނޮބޯ އޮތީ ވިދާޅުވެފަ އެވެ.
ރައީސް މި ވިދާޅުވުމާ ގުޅިގެން އެމެރިކާއިން ވަނީ އިކުއެޑޯގެ މި ހާލަތުގެ ތެރެއަށް ވަދެ ކަންބޮޑުވުން ފާޅުކޮށް ހިތާމާގައި ބައިވެރިވާ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވިދާޅުވި ގޮތުގައި ޖޯ ބައިޑަންގެ ސަރުކާރުން އިކުއެޑޯއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށާއި ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
އިކުއެޑޯ އޮތީ ބައެއްގެ އެހީތެރި ކަމަށް ބޭނުންޖެހިފައި ކަމަށް ވާ ނަމަ އެކަން އެންމެ ބޮޑަށް އެނގޭނީ ސަރުކާރަށް ކަމަށާއި އެ ފަދަ ހާލަތަކަށް އެމެރިކާ ސިފައިން މިހާރު ވެސް ތައްޔާރު ކަމަށް މުޝީރު ވިދާޅުވި އެވެ.
ޓީވީ ސްޓޭޝަން ފަދަ މަދަނީ ހަމަޖެހުން ހިފަހައްޓާ ޖަމާއަތްތަކަށާއި މަރުކަޒުތަކަށް ހަނގުރާމަވެރި ޓެރަރިސްޓު ގުރޫޕްތަކުން ވަދެގަތުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޖޭކު ސުލިވާން ވިދާޅުވި އެވެ.
ކޮންމެ ގައުމަކަށް ނިސްބަތްވި ނަމަވެސް ޓެރަރިސްޓުންނަށް އޮންނަން ވާނީ ގާނޫނު ބުނާ އެންމެ ބޮޑު އަަދަބު ކަމަށް އެމެރިކާ ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކުއެޑޯ ބޭނުންވެއްޖެ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ޖޭކު ސުލިވާން ވިދާޅުވި އެވެ. އެމެރިކާއަށް ހަމަޖެހުން ލިބޭނީ ދުނިޔެއަށް ވެސް ހަމަޖެހުން ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކުއެޑޯގެ ހާލަތު ގޯސްވެފައި މި ވަނީ ޖަލުތަކުގައި ހިންގި ހަމަނުޖެހުންތަކަކަށް ފަހު އެވެ. ޖަލުގައި ހައްޔަރުކޮށްފައި ތިބި ގޭންގު ލީޑަރުން ދޫކޮށްލަށް ގޮވާލައި ޖަލުތަކުގައި ވަނީ އަޑުގަދަކޮށް ތަކެއްޗަށް ހަމަލާދީފަ އެވެ.
މި ހާދިސާއާ ގުޅިގެން މުޅި ގައުމުގައި މިހާރު އޮތީ އިމަޖެހްސީ އިއުލާންކޮށްފަ އެވެ. ސަރުކާރަށް ވުރެ ކުށްވެރިންގެ ބާރު ގަދަވާން ދޫކޮށް ނުލާނެ ކަމަށް ޝަރުއީ އިދާރާތަކުން ވަނީ ބުނެފަ އެވެ.
އިކުއެޑޯ އަކީ މިފަދަ ދާޚިލީ ހަމަނުޖެހުން ބޮޑު ގައުމެކެވެ. އިކުއެޑޮގެ އެތެރޭގެ ކޯޅުންތަކާއި އަރާރުންތަކުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ފަލަ ސުރުޚިއަށް އަރަ އެވެ.