ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބުގައި ވާދަކުރަން މިމަހު 30 ގައި ހުޅުވާލަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިމަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރަން މިމަހުގެ 30 އިން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ.

މަޖިލިސް އިންތިހާބަށް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ޕްރައިމަރީއަށް ހުޅުވާލާފަ އެވެ.