ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރައީސް، ވާވޭގެ ކޮންވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ވާވޭ ބެއިޖިން ކޮންވެންޝަން ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި، ވާވޭ ކުންފުނީގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން ތަފްސީލު މަޢުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ކުންފުނީގެ މަންދޫބުން ވަނީ އީޖާދީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ސަރުކާރުތަކަށާއި އަމިއްލަ ފަރުދުންގެ އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ގެނުވާ ގޮތްތަކުގެ މައުލޫމާތު ރައީސްއާ ޙިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން ވާވޭގެ ޓީމުން ވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ލިބޭ ފައިދާތަކާ ގުޅޭގޮތުންވެސް ވަރަށް ތަފްސީލް މައުލޫމާތުތަކެއްވެސް ހިއްސާކުރައްވާފަ އެވެ.

މިމައުލޫމާތުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިއްސާކޮށްފައިވަނީ ދުނިޔެވީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް މިންގަނޑަށް ބަދަލުކުރުމުގެ ސަބަބުން ލިބޭ ފައިދާތަކެވެ. އެގޮތުން ވާވޭގެ ޓީމުން ވަނީ ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ފެހި އިގްތިސާދު ކުރިއެރުވުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ހޯދައިދޭ ނެޓްވާކިން ހައްލުތަކުގެ މައުލޫމާތު ދެއްވާފަ އެވެ.