ވިޔަފާރި

48 ގަޑިއިރު ޑައިވްކުރަނީ، ޓެލްކޮމް ޕާޓުނަރަކަށް ދިރާގު!

ހުއްޓާނުލައި 48 ގަޑިއިރު ފީނުމަށް ބާއްވާ، 'ޑައިވް 48' އިވެންޓްގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ. މި އިވެންޓަކީ 48 ގަޑިއިރު ވަންދެން، ރާއްޖޭގެ މަޝްހޫރު ޑައިވް ސްޕޮޓެއްކަމުގައިވާ މާޔާ ތިލައިގައި، ހުއްޓާނުލާ ޑައިވް ކުރުމުގެ އިވެންޓެކެވެ. މި ހަރަކާތަކީ އެޓޯލް ސްކޫބާ ޑައިވް ސެންޓަރުން އިންތިޒާމް ކޮށްގެން ހިންގާ ހަރަކާތެކެވެ.

ތިމާވެށްޓާއި ކަނޑުއަޑީގެ ރީތިކަން ހިމާޔަތް ކުރުމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ބޭއްވޭ މި ހަރަކާތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ޑައިވަރުން ބައިވެރިވާނެ ކަމަށް އެޓޯލް ސްކޫބާއިން މައުލޫމާތު ދެއެވެ. އޭގެ އިތުރުން މެރިން ބައޮލޮޖިސްޓުންގެ ޓީމެއްވެސް އެ ސަރަހައްދަށް ޑައިވްކޮށް ކަނޑުއަޑީގެ ހާލަތު ބަލާ ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެޓޯލް ސްކޫބާއިން ބުނެ އެވެ.

މި ހަރަކާތުގައި ކަނޑުއަޑީގެ މަންޒަރުތަކާއި، މާޔާ ތިލައިގެ ހާލަތު ހުރިގޮތް ދައްކުވައިދޭ ތަފާތު ފޮޓޯތަކާއި ވީޑިޔޯތައް ލައިވް ފީޑް މެދުވެރިކޮށް ސޯޝަލް މީޑިޔާގެ އެކި ޗެނަލްތަކާއި ޔޫޓިއުބް މެދުވެރިކޮށް ފޯރުކޮށްދެމުންދާނެ ކަމަށް ދިރާގުން ބުނެ އެވެ. މި ހަރަކާތުގައި ފްރީޑައިވިންގ އިން ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފައިވާ ތުރުކީވިލާތުގެ ޑައިވަރު ސަހިކާ އަރްޖުމަން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ އިމްޖާދް ޖަލީލު ވިދާޅުވީ ޒުވާނުން ކުރާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ ކުރިއަރައި ދިޔުމުގެ ފުރުސަތުތައް ތަނަވަސްކުރުމުގައި ބައިވެރިވުމަކީ ދިރާގުން ކުރަމުންގެންދާ ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން ރާއްޖެވަށައި ކެޓަމަރާނެއްގައި ދަތުރުކުރަމުންދާ ގައްބެގެ ޓެލެކޮމް ޕާޓަނަރެއްގެ ހައިސިއްޔަތުން މިހާރުވެސް ދިރާގުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޝަފްރާޒް ނައީމް (ޝަފް) އަކީވެސް މިފަދަ ޒުވާނަކަށް ވާއިރު ދިރާގުން މިކަމުގައި ވެވެން އޮތް އެންމެ ބޮޑު އެހީއެއް ވެދިނުމަށް ނިންމީ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

"މި ހަރަކާތް ކުރިޔަށްދާ މާޔާތިލަ އާއި އެންމެ ކައިރީގައިވާ ރިސޯޓުކަމުގައިވާ މާޔާފުށްޓާއި ދެމެދުގައިވެސް 3.5 ކިލޯމީޓަރުގެ ރާސްތާއެއްވާއިރު، ފޮޓޯއާއި ވީޑިޔޯ އަދި ލައިވް ފީޑް އެއްވެސް ދަތިކަމަކާއިނުލާ ފޯރުކޮށްދިނުމުގެ ކަނެކްޓިވިޓީ މި ދޭތެރޭގައި ގާއިމުކުރުމަށް ދިރާގުން މިވަނީ ބޮޑެތިމަސައްކަތް ތަކެއްކޮށްފައި، އެގޮތުން މިހަރަކާތް އިންތިޒާމުކުރައްވާ ފަރާތްބޭނުންވާނެ މިންގަޑުތަކަށް ހިދުމަތްފޯރުކޮށްދެވޭން، މިކަމަށް ހާއްސަ އެންމެ ޒަމާނީ އިކުއިޕްމަންޓު ރާއްޖޭންބޭރުން ހޯދައި އެ މަސައްކަތް ދިރާގުގެ އިންޖިނިއަރުން މިހާރު ވާނީ ކޮށްދީފައި. ޝަފްރާޒް ފަދަ ދިވެހި ޒުވާނަކު މިފަދަ ކަމަކާއި ކުރިމަތިލާއިރު ދިރާގުން ބޭނުންވީ މިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދިރާގުގެ ފަރާތުން އެދެނީ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިޔަށްގޮސް، މިފަދަ ކަންކަން ހިންގުމުގައި ޝަފްރާޒްމެން ފަދަ ނަމޫނާ ޒުވާނުންތަކެއް އަދިވެސް ފެނިގެން ދިޔުން،" އިމްޖާދު ވިދާޅުވި އެވެ.

ޝަފްރާޒް ނައީމް(ޝަފް) ވިދާޅުވީ، "އަޅުގަނޑުމެންގެ މި ހަރަކާތުގެ އެންމެ ބޮޑު އަމާޒަކީ ފަރުތަކާއި ކަނޑުއަޑީގެ ރީތިކަން ހިމާޔަތްކުރުމަށް މީހުން ހޭލުންތެރިކުރުވުން، އެގޮތުން ކޮރަލް ބްލީޗިން ފަދަ ފަރުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާ ކަންކަމާމެދު މީހުން ހޭލުންތެރިކޮށް، މިހާރު މިފަދަ ފަރުތަކުގެ ހާލަތު ދެނެގަނެ، ޑޮކިއުމެންޓްކޮށް މީހުންނާއި ހަމަޔަށް ގެނެސްދިނުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް މަގުސަދު، އެގޮތުން ކޮންމެ ބައިގަޑިން ނުވަތަ ގަޑިއިރަކު، ދިރާގުގެ އެހީގައި ލައިވް ފީޑްގެ ތެރެއިން ކަނޑު އަޑީގެ އެކި މަންޒަރުތައް ފޮޓޯ އަދި ވީޑިޔޯ މެދުވެރިކޮށް އަޅުގަނޑުމެންދާނީ ހިއްސާ ކުރަމުން،" ކަމަށެވެ.

މި ހަރަކާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ޓާކިޝް އެއާލައިންސް ހަމަޖައްސާފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަފާތު ކުންފުނިތަކެއްގެ އެއްބާރުލުންވެސް މިހަރަކާތަށްވަނީ ލިބިފައެވެ. އަދި ބައިނަލްއަހްވާމީ ގިނަ ޑައިވް މެގަޒިންތަކަކުންވެސް މި ހަރަކާތް ކަވަރު ކުރާނެ އެވެ.