ދުނިޔެ

އީރާން ރުޅިއެރުވުމުގެ ވިސްނުމެއް ނެތް: އެމެރިކާ

ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތަށް އަމާޒުކޮށް ޔަމަނަށް ހަމަލާދިނުމަކީ އީރާން ރުޅިއަރުވަން ކުރި ކަމެއް ނޫން ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ބުނެފި އެވެ.

ހޫސީންނަކީ އީރާނުން ހިތްވަރު ހޯދައިގެން ސަރަހައްދަށް ޖެއްސުންކޮށް އަރަބި ގައުމުތަކަށް ހަމަލާދޭ ބާޣީ ގުރޫޕެއްކަން އެންމެން ދަންނަ ކަމަށް އެމެރިކާގެ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުމާން ޖޯން ކާބީ ވިދާޅުވި އެވެ.

ނަމަވެސް، އެމެރިކާއާ ބައިވެރިން ހޫސީންނަށް ހަމަލާދިނީ އޭގެ ތެރެއަށް އީރާން ވެއްދުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް ޖޯން ކާބީ ވިދާޅުވި އެވެ.

އީރާންގެ މަސްލަހަތު އޮތް ކަމެއްގެ ތެރެއަށް ބޭރުގެ ނުފޫޒެއް ވަދެގަތުމުން އީރާން ރުޅިއަންނާނެކަން އެމެރިކާއަށް އެނގޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ހޫސީންނަށް ހަމަލާދޭން ޖެހުނީ ތަކުރާރުކޮށް ދިން ނަސޭހަތުން އިބުރަތެއް ހާސިލުނުކުރުމުން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އީރާންއާ އެކު ހަނގުރާމައެއް ފެށުމަކީ އެމެރިކާގެ ވިސްނުމެއް ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ނަމަވެސް، ރަތް ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެމެރިކާއާ ބައިވެރިން -- ރަތް ކަނޑުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަތް ކަނޑަކީ ދުނިޔެއަށް މުދާ އުފުލާ ކަނޑުއޮޅިއެއް ކަމަށާއި، ވަކި ބައެއްގެ ބާރުގެ ދަށަށް އެ ސަރަހައްދު ގޮސްފި ނަމަ ލޫޓުވުމާއި ފޭރުން އަދި ތަކެތީގެ އަގުބޮޑުވުން މުޅި ދުނިޔެ ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ހޫސީންނަށް ހަތިޔާރާއި ފައިސާ އަދި ފިކުރީ މުދާ ސަޕްލައިކުރަނީ އީރާންކަން އެމެރިކާއާ އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެނެއް ކަމަކު، އީރާނަށް ހަމަލާދީ އަރައިގަތުމަކީ އެމެރިކަޣެ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުން ހޫސީންނަށް މަދަދުވެރި ވުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް ޖޯން ކާބީ ވިދާޅުވި އެވެ.

ހޫސީންނަށް މަދަދުވެރިވުން އީރާނުން ނުހުއްޓުވައިފި ނަަމަ އެމެރިކާއާ ބައިވެރިން ހޫސީން ބަލިކޮށް ހުއްޓުވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ރަތް ކަނޑަކީ އަމާން، އޮމާން ތަނަކަށް ހަދަން ބޭނުން ނަމަ ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީންގެ ޣާއްޒާއިން ފައިބައި، ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުން އަބަދަށް ހުއްޓާލުން ނޫން ގޮތެއް ނެތް ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.