ސްޓެލްކޯ

ހޫނު މޫސުމަށް ތައްޔާރުވުމަށް ސްޓެލްކޯ އިން އިތުރު ދެ ޖަނަރޭޓަރު ގެެނެސްފި

ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ކަމަށް ފެންނަ ދުވަސްވަރު ކަރަންޓު ބޭނުންކުރާވަރު އިތުރުވާތީ އެކަމަށް ތައްޔާެރުވުމުގެ ގޮތުން ސްޓެލްކޯ އިން ރާއްޖެއަށް އިތުރު ޖެނަރޭޓަރު ގެނެސްފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް މިހާރު ހުރީ ރާއްޖޭގައި ކަމަށެވެ.

އެންމެ ހޫނު ދުވަސްތައް ފެށުމުގެ ކުރިން މީގެ އިތުރު ދެ ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް، ޕަވަ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވޭނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

"ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ އެ ކުންފުނި އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށެވެ. ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫހު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަ ޕްރޮޖެކްޓް، ސިކްސްތު ޕަވަ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންގިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން،" ހުސައިން ވިދާޅުވި އެވެ.

ސްޓެލްކޯ އިނ ް މި ވަގުތު މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ހުރި ކެޕޭސިޓީއަކީ 122 މެގަވޮޓެވެ.