ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބު ދެ ވަނަ ބުރަކަށް ވޯޓުލާން ފަށައިފި އެވެ.
އިންތިހާބުގެ ދެ ވަނަ ބުރަކަށް ދިޔައީ ދާދި ދެންމެ އަކު ބޭއްވި ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް ފީފާގެ މެމްބަރު 209 ގައުމުގެ ތެރެެއިން ތިން ބައިކުޅެ ދެ ބައި ނުލިބުމުންނެވެ.
ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެ ވަނަ ބުރަށް ދިޔައީ އޭއެފްސީގެ ރައީސް ބަހުރޭނުގެ ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އާއި ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އެވެ. ސަލްމާނަށް 85 ވޯޓޫ ލިބުނުއިރު އިންފަންޓީނޯ އަށް ލިބުނީ 88 ވޯޓެވެ. މިއީ އޭޝިޔާ އާއި އެފްރިކާގެ ތާއީދާއެކު ކުރިމަތިލެއްވި އަދި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސަލްމާނަށް ލިބުނު ނާކާމިޔާބީ އެކެވެ. އަދި މިއީ އިންފަންޓީނޯ އަށް ލިބުނު ބޮޑު ކާމިޔާބީ އެއްވެސްމެ އެވެ.
އިންތިހާބުގައި ވާދަކުރެއްވި ފީފާގެ ކުރީގެ ނާއިބް ރައީސް އަދި ޖޯޑަން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޕްރިންސް އަލީ ބިން އަލް ހުސައިން ދިޔައީ ތިން ވަނަ އަށެވެ. އޭނާ އަށް 27 ވޯޓު ލިބުނުއިރު ފުރަތަމަ ބުރުން ފުލަށް ދިޔައީ ފްރާންސްގެ ޖްރޯމް ޝެމްޕޭނެވެ. އޭނާ އަށް ލިބުނީ ހަތް ވޯޓެވެ.
ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކުރިން ކެމްޕޭން ކުރަން ދިން 15 މިނިޓްގައި މެމްބަރު ގައުމުތަކާ މުހާތަބްކުރަމުން ސައުތު އެފްރިކާގެ ސެކްވާލޭ ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.