ވާހަކަ

މިލްކުވާނެބާ

( 12 ޖަނަވަރީ 2024 އާ ގުޅޭ )

"މޭބީ މައި އެކްސްޕެކްޓޭޝަންސް އާ ޓޫ ހައި." ހިތާހިތާ މިޔާ އަމިއްލަ ނަފްސަށް ބުނެލި އެވެ. އަނބިމީހާއަށް ވީމާ އިޒީކިއަލް ފަހަތު ލައިގެން އުޅޭނޭ މިޔާއަށް ހީވީ އެވެ. ނަމަވެސް އިޒީކިއަލްގެ ސަމާލުކަމެއް ނުލިބުނެވެ. ފިރިމީހާ އަނބިމީހާއަށް ގަސްދުގައި އަޅާނުލައެއް ނުހުންނާނޭކަން މިޔާގެ ހިތް އޭނާއަށް ވިސްނައިދިނެވެ.

ރޭގަނޑު ދިހައެއް ޖަހަންވީއިރު ކައިވެނީގެ ކަންކަން ނިމި ކޯޓުން އައިސް ތިބި މީހުން އެނބުރި ހިނގައްޖެ އެވެ. އުނދޯލީގައި އިން މިޔާގެ ގާތަށް އިޒީކިއަލް އައީ ދެނެވެ.

"މިޔާ ކައިގެން ކޮޓަރިއަށް ދޭ." އިޒީކިއަލް ބުންޏެވެ.

"އިޒިކް... އިޒީކިއަލް ނުކާނަންތަ؟." މިޔާ އަހާލި އެވެ.

"އާން. މިހާ ލަސްވީމަ ދެން ނުކާނަން." އިޒީކިއަލް މިހެން ބުނެލީ އަތުކުރީ އޮތް ގަޑިއަށް ބަލާލާފަ އެވެ.

މަޑުމަޑުން އުނދޯލިން މިޔާ ތެދުވި އެވެ. ފަޓުލޫނު ޖީބުން ފޯނު ނެގި ގޮތަށް އެއަށް ބަލަހައްޓައިގެން ހުރެ އިޒީކިއަލް ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. އިޒީކިއަލްއަށް ނަޒަރު ހުއްޓާލައިގެން ހުރި މިޔާއަށް ނަފީޒާ ގޮވާލި އެވެ.

"އެތެރެއަށް ތަށިތައް ގެންދަންވީތަ." ނަފީޒާ އަހާލި އެވެ.

ނަފީޒާގެ ވާހަކައަށް މަޑުމަޑުން މިޔާ ދެ ފަރާތަށް ބޯހޫރާލީ އެވެ. ތަށްޓަށް ކާއެއްޗެހި އަޅައިގެން މިޔާ އެނބުރި އައިސް އިށީނީ އުނދޯލީގަ އެވެ. އޭނާ ކައި ނުނިމެނީސް އިޒީކިއަލް ހެދުން ބަދަލުކޮށްލައިގެން ގޭތެރެއިން ނުކުމެގެން އައެވެ.

"މީހަކާ ބައްދަލުކޮށްލަން މިދަނީ. އާދެވޭނީ ވަރަށް ލަހުން." އިޒީކިއަލް ބުންޏެވެ.

މިޔާ ބަހެއް ނުކިޔެވެ. އިޒީކިއަލް އިތުރު ވާހަކައެއް ދެއްކުމެއްނެތި ގެއިން ނުކުމެ ދޮރޯށި ލައްޕާލީ އެވެ. އަނގަޔަށް ލާން ހިއްލާލި ސަމްސާއާއެކު މިޔާ އިނީ އެ ދިމާއަށް ގެއްލިފަ އެވެ. އިޒީކިއަލް ދިއުމުން އޭނާއަށް އިތުރަށް ނުކެވުނެވެ. ސިކުނޑިއަށް ވެރިވީ އިންތިހާ މާޔޫސްކަމެވެ. އުނދޯލިން ތެދުވި ގޮތަށް މިޔާ އައީ ގޭތެރެއަށެވެ. ބަދިގެއަށް ވަންއިރު ތަށިތައް ދޮވުމުގައި ނަފީޒާ އުޅެ އެވެ. ކަބަޑުމަތީ ތަށި ބަހައްޓާލަމުން މިޔާއަށް ނުކެވޭނެކަން ބުނެލި އެވެ.

"ނުކެވޭވަރަށް އަޅަނީ ކީއްވެތަ؟. އިސްރާފު ކުރާންތަ؟. އެހެންމީހަކަށް އެ ކާއެއްޗެހި ރޯދިކުރައްވާފާނެތީ ދޯ." ނަފީޒާ ފައްޗަކަށް ކިޔައި ގަތެވެ. އޭނާގެ އެ ކޫސަނި ރުޅިވެރި ބަސްތަކާ ކުރިމަތިލެވޭ ވަރަށްވުރެން މިޔާގެ ހިތަށް ވަނީ އުނދަގޫވެފަ އެވެ. އެހެންވެ ނަފީޒާ ކިޔާ އެއްޗެއް އަޑު ނާހާ އޭނާ ބަދިގެއިން ނުކުތީ އެވެ.

ކޮޓަރިއަށް ދިއުމުގެ ކުރީން މިޔާ އަލުން ބޭރަށް ނުކުތެވެ. އޭރު ގޯތިތެރޭގައި ކައިވެނި ކުރުމަށް ޓަކައި ބެހެއްޓި މޭޒު ނެގުމުގެ މަސައްކަތުގައި ހިލްމީ އުޅެ އެވެ. މިޔާ އައިސް ދޮރޯށި ހުޅުވާލި އެވެ. ހަމައެހިނދުން ހިލްމީ އޭނާއަށް ގޮވާލައިފި އެވެ. ނަމަވެސް ޖަވާބެއް ދިނުމުގެ ބަދަލުގައި މިޔާ ނުކުތީ މަގުމައްޗަށެވެ. އިޒީކިއަލް ފެންނާކަށް ނެތެވެ. އިޒީކިއަލް ދުއްވާ ކާރެއް ވެސް ފެންނާކަށް ނެތެވެ. މުޅި މަގަށް ވެރިވެފައިވީ ހިމޭންކަމެވެ.

"މިޔާ... ކިހިނެއްވީ؟." ހިލްމީ ކުރަން ހުރި ކަންތައް ހުއްޓާލާފައި ދޮރޯށި ދޮށަށް ނުކުމެ އަހާލި އެވެ.

ކަމެއް ނުވެޔޭ ބުނާ އުސޫލުން މިޔާ ދެ ފަރާތަށް ބޯހޫރާލާފައި ދޮރުމަތީ ހުރި ހިލްމީގެ ކައިރިން އަޅާފައި ގޭތެރެއަށް ވަނެވެ. މަޑުކުރުމެއްނެތި ހަލުވި ފިޔަވަޅުގައި އޭނާ އެރީ ކޮޓަރި ހުންނަ ބަޔަށެވެ. ދުވެފައި އައިސް ދޮރުހުޅުވާލުމާއެކު އެތެރެއަށް ވަދެ އޭނާގެ ފަހަތުން ދޮރު ލައްޕައި ތަޅުލި އެވެ.

"ކޮންތާކަށް އިޒީކިއަލް އެ ދިޔައީ. މިރޭ މީ އަހަރެމެންގެ ކައިވެނި ކުރެވުން ރޭ. މިރޭ ބައްދަލުކުރާހާ މުހިންމުވީ ކޮންކަމެއްވެގެން. އާދެވޭނެ އިރެއް ވެސް ނޭނގޭ. ކީއްވެ؟... ކޮންކަމެއް ކުރަން ޖެހޭތީ... ކޮންވާހަކައެއް ދައްކަން އޮވެގެން." މިޔާގެ ދުލުން ޝަކުވާގެ ލަފުޒުތައް އޮހިގަތެވެ. ކަމަކަށް އުންމީދުކުރާ ކޮންމެ ފަހަރަކު އެގޮތަށް އެކަމެއް ނުވުމުން ހިތްމަރުވާ ގޮތް ވެއެވެ. އެހެންވިޔަސް އިންސާނުންނަށް ވީތީ ކަންކަމަށް އުންމީދުނުކޮށް ނުތިބެ އެވެ. މިޔާއަށް ވެސް ވަނީ އެހެންނެވެ.

މިޔާގެ ހުރިހާ ތައްޔާރީއެއް ބޭކާރުވީ ކަމުގައި އޭނާ ހީކުރި އެވެ. ނާއުންމީދުވެ މާޔޫސްކަމުގައި އޭނާ އެނދަށް އަރައި އޮތެވެ. އިޒީކިއަލްގެ ޚިޔާލުތަކާއި ދުރުވުމަށް ޓަކައި އޭނާ ފޯނުން އެކިއެކި މަންސަތަކަށް ވަދެ ވަގުތު ބޭކާރު ކުރަމުން ދިޔަ އެވެ. ލުހާމްގެ މަތިން ކުއްލިއަކަށް ހަނދާންވީ އިންސްޓަގްރާމަށް ވަން ވަގުތެވެ. ދެ މީހުންގެ އެތައް ފޮޓޯއެއް ޚިއްޟާ ކުރި ތަނަކީ އެއީ އެވެ. މިހާރު މިޔާއަކީ މީހެއްގެ އަނތްބެއްކަން އޭނާގެ ޟަމީރު ހަނދާންކޮށްދިނީ އެވެ. އޭގައިވީ ހުރިހާ ފޮޓޯއެއް މިޔާ "ޑިލީޓް" ކުރި އެވެ. އަދި އެކުވެރީންގެ ލިސްޓުން ލުހާމާއި ހަތޫން ފުހެލި އެވެ. ކޮލެޖުގެ ކުލާސް ވައިބަރ ގުރޫޕުގައި ފުނިޖެހިފައިވި މެސެޖުތައް މިޔާ ކިޔަންފެށި އެވެ. އޭނާގެ ބައްޕަ ނިޔާވެއްޖެކަން މުޅި ކުލާހަށް އޮތީ އެނގިފަ އެވެ. ހުރިހާ ކުދީން ކަހަލަ ގޮތަކަށް ތައުޒިޔާ ކިޔާފައި އޮތެވެ. މިޔާ ކުލާހަށް އެނބުރި އަންނާނީ ކޮންއިރަކުންތޯ ބައެއް ކުދީން އަހާފައި ހުއްޓެވެ. އަދި އެ ސުވާލު ހަތޫންގެ ނަން ޓެގުކޮށްފައި ވެސް ބައެއް ކުދީން އަހާފައި ހުއްޓެވެ. މިޔާއާ އެންމެ އެއްކޮށް އުޅޭތީ އަބަދުވެސް އެންމެންނަށް ފެންނާނީ ހަތޫން ވިއްޔާ އެވެ. ކުލާހުގައި މިޔާގެ ބައްޕަ މަރުވި ޚަބަރު ފެތުރީ އޭނާ ކަމަށް މިޔާ ޝައްކު ކުރި އެވެ. ގުރޫޕުގައި ދެކެވިފައި ހުރި ވާހަކަތައް ބަލައި ނިމުމާއެކު އެ ގުރޫޕުން މިޔާ ވަކިވީ އެވެ. އެނބުރި ދާހިތް ނެތީ ހަތޫންއާ ކުރިމަތިލާން ބޭނުންނުވާތީ އެވެ.

* * * * *

ނިދިފައި އޮތް މިޔާއަށް ހޭލެވުނީ ގާތުން މީހަކު އޭނާއަށް ގޮވާހެން ހީވެގެންނެވެ. އެސްފިޔަތައް ދުރުވެލި ހިނދު އޭނާއަށް ފެނުނީ އިޒީކިއަލްގެ ސޫރަ އެވެ. ދެ ލޯ ބޮޑުކޮށްލެވުމާއެކު ފުންމައިގެން މިޔާއަށް ތެދުވެވުނެވެ. ބޯ ފަރުދާތައް ދަމާފައި ހުރުމުން ކޮޓަރިތެރެ އޮތީ ދުވާލެއް ރޭގަނޑެއް ވަކިނުވާހާ ފަނޑު އަލިކަމުގެ ތެރޭގަ އެވެ. އެނދުގެ އަރިމަތީ އިށީނދެލައިގެން އިން އިޒީކިއަލް ތެދުވި އެވެ.

"ގުޑް މޯނިން. އަށެއް ޖަހަނީ. ނުވަގަޑި ބައިގަ އަހަރެމެން މާލެ ދާން ޖެހޭ. ލާންޗު އަންނަންވާއިރަށް މިޔާ ރެޑީވެ ސައިބޮއިގެން ހުރެވޭނީ މިހާރު ތެދުވީމަ." އިޒީކިއަލް ބުންޏެވެ.

އެއްޗެއް ބުނުމުގެ ކުރީން މިޔާގެ ނަޒަރު ދަތުރުކޮށްލީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ރޭގައި އޭނާ ކޮޓަރިއަށް ވަން ގޮތަށް ދޮރުތަޅުލި އެވެ. އިޒީކިއަލްއަށް ވަދެވޭނީ ކޮޓަރި ހުޅުވައިގެންކަން ޔަގީނެވެ. އެއާއެކު އެ ކޮޓަރިއަކީ އިޒީކިއަލްގެ ކޮޓަރިކަން މިޔާ ހިތަށް އެރި އެވެ. އެ ކޮޓަރިއަށް އިޒީކިއަލްއަށް ނުވަދެވޭނޭ ގޮތެއް ނޯންނާނޭ ކަމެވެ.

"މިޔާ... ހޭލަބަލަ." މިޔާ ހަރަކާތެއް ނުކޮށް އިނުމުން އިޒީކިއަލް ހީކުރީ އަދިވެސް މިޔާއަށް ރަނގަޅަށް ހޭނުލެވެނީ ކަމަށެވެ.

"ހޭލެވިއްޖެ." މިޔާ އަވަސްއަވަހަށް ބުނެލި އެވެ.

"ރެޑީ ވެލައިގެން އާދޭ އިނގޭ." އިޒީކިއަލް ބުންޏެވެ.

އިޒީކިއަލް ނުކުމެގެން ދަންދެން މިޔާ އެނދުގައި އިނީ އެވެ. އިޒީކިއަލް ފެންނަނީ ދެންމެ ފެންވަރައިގެން ނުކުމެ ތައްޔާރުވެލައިގެން ހުރި މީހަކު ފަދައިންނެވެ. އޭނާ މިޔާއަށް ގޮވީ އެ ކޮޓަރިން އޭނާ ފުއްދަންޖެހޭ ބޭނުންތައް ފުއްދާފައިކަން މިޔާ ލަފާކުރި އެވެ. ކޮޓަރީގެ ދޮރު ލެއްޕުމުން ރަޖާ ހިއްލާލާފައި އެނދުން މިޔާ ފޭބި އެވެ. އަދި އޭނާ ގޮސް ފަޚާނާއަށް ވަނެވެ.

މިޔާ ސިޓިންރޫމަށް ފޭބިއިރު "ޕޫލް" ކުޅޭ މޭޒުގެ އެއްކޮޅުގައި ޖެހިލައިގެން ކޮފީޖޯޑު ހިފަހައްޓާލައިގެން އިޒީކިއަލް ހުއްޓެވެ. އޭނާ ހުރީ އެ ދިމާއިގެން ގޯތިތެރެ ފެންނަ ގޮތަށް ހުޅުވާފައިވާ ކުޑަދޮރުތަކާ ދިމާއަށް ކުރިމަތިވާނޭ ހެންނެވެ. އިޒީކިއަލްގެ ކައިރިޔަށް ދާން ފިޔަވަޅު އަޅާލި މިޔާއަށް ކާމޭޒު ކައިރީ އުޅުނު ނަފީޒާ ގޮވާލައިފި އެވެ. ސައިބޯން އަންނަން އޭނާ ބުންޏެވެ. އެ އަޑަށް އިޒީކިއަލް ވެސް އެނބުރިލި އެވެ. މިޔާ އައިސް ކާމޭޒުދޮށުގައި އިށީނީ އެވެ. އިޒީކިއަލް އަންނާނޭ ކަމުގައި މިޔާ ހީކުރި އެވެ. އެހެންވެ އިރުއިރުކޮޅާ އެ ދިމާއަށް ބަލާލެވެ އެވެ.

"އޭނާއެއް ނާންނާނެ." ނަފީޒާ މިހެންބުނެލިއިރު މިފަހަރު އޭނާގެ އަޑުގައިވީ މަލާމާތުގެ ރާގެކެވެ. ހައިރާންކަމުގެ އިތުރުން މިޔާގެ ދެ ބުމަ ކައިރިވެގެން އައެވެ. ނަފީޒާއާ ދިމާއަށް ކަޅި ހުއްޓާލި ގޮތަށް އޭނާއަށް އިނދެވުނެވެ.

"އިޒީކިއަލް ސައިބޮއެފި." ކުރީން ބުނެވުނު އެއްޗެއް ރަނގަޅުކޮށްލާ ފަދައަކުން ނަފީޒާ ބުނެލި އެވެ.

މިޔާގެ ބޮލުގައި ރިއްސާލި އެވެ. ނަފީޒާގެ ޢަމަލުތައް އޭނާއާ މެދު ހުންނަ ގޮތުންނެވެ. އޭގެ ސަބަބެއް ނުވިސްނޭތީ އެވެ. އިޒީކިއަލްގެ ކަންކަން މިޔާއަށްވުރެ އެހެން މީހުންނަށް ބޮޑަށް އެނގޭތީވެ އެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް ހިތުތެރޭ ފިއްތައިގެން އިނދެ ބަހެއް ނުކިޔާ މިޔާ ސައިބޮއެގެން ނުކުތެވެ. ސިޓިންރޫމުން އިޒީކިއަލް ނުފެނުމުން މިޔާ ގޯތިތެރެ ބަލާލަން ނުކުތެވެ. އުނދޯލީގައި މަޑުމަޑުން ހެއްލާލަހެއްލާލައި އިޒީކިއަލް އިނެވެ. މިޔާ ފެނުމާއެކު ގާތަށް އައުމަށް ކާނާއަތުން އިޒީކިއަލް އިޝާރާތްކޮށްލި އެވެ. އަތްފޯރާ ހިސާބަށް މިޔާ އައުމާއެކު އޭނާގެ ކަނާއަތުގައި ހިފައި ގެނެސް އިޒީކިއަލްގެ ނުހަނު ގާތުގައި ބައިންދައިފި އެވެ.

"ރަނގަޅަށް ސައިބުއިންތަ؟." އިޒީކިއަލް އަހާލި އެވެ.

އިސްޖަހާލައިގެން އިނދެ މިޔާ ހަމައެކަނި ބޯޖަހާލީ އެވެ. މިޔާއަށް ބަލަން އިނދެފައި އޭނާގެ ފުރަގަހުން ގެނެސް ކޮނޑުގައި އިޒީކިއަލްގެ އަތް ވަށާލައި ގާތްކޮށްލި އެވެ. އަދި މިޔާގެ ނިތްކުރީގައި އިޒީކިއަލް ބޮސްދިނެވެ. އެ ގާތްކަމުގެ ކުޑަކުޑަ އިޝާރާތުން ވެސް މިޔާގެ ހިތް ވިރިގެންދިޔަ ފަދަ އެވެ. އޭނާއަށް އިޒީކިއަލްގެ ގައިގާ އަތްޖައްސާލެވުނެވެ.

"މާލެ ދަނީ ކީއްކުރަން؟." މިޔާ އަހާލި އެވެ.

"ބުނީމެންނު މެޑިކަލް ޗެކަޕްގެ ވާހަކަ. ބައެއް ޓެސްޓްތައް ހަދާލަން." އިޒީކިއަލް ބުންޏެވެ.

"އަޅުގަނޑުގެ ނުހުރޭ އެއްވެސް ބައްޔެއް." މިޔާ ބުނެލި އެވެ.

"އަޅުގަނޑު ނުކިޔަސް ފިރިމީހާއަށް އިޙްތިރާމްކުޑަކުރި ކަމަކަށް ނުވާނެ. މިޔާގެ ބައްޔެއް ނެތިއްޔާ އެއީ އުފާކުރަންޖެހޭ ކަމެއް. އެހެންވިޔަސް އަހަރެންގެ ޔަގީންކަމަށް ޓެސްޓުތައް ކޮށްލުން ކިހިނެއްވާނީ؟. އަހަރެންގެ އަނބިމީހާއާގެ މައްސަލައެއް ނެތިއްޔާ އެކަން އަހަރެންނަށް ވެސް އޮންނާނީ ޔަގީންވެފައެއްނު ޓެސްޓުތައް ހެދީމަ. ކީކޭ މިޔާ ބުނަނީ؟." އިޒީކިއަލްގެ އަޑުގައިވީ ގާތްކަމާއި އޯގާތެރިކަމުގެ އަސަރެވެ.

"އޯކޭ." މިޔާ އެއްބަސްވި އެވެ.

"ޑަކްޓަރު ކުރާ ހުރިހާ ސުވާލަކަށް ތެދަށް ޖަވާބު ދެއްޗޭ." އިޒީކިއަލް ބުންޏެވެ.

"އިޒީކިއަލް ހުންނާނަންތަ؟." ބޯ އަރިކޮށް އިޒީކިއަލްގެ މޫނަށް ބަލާލަމުން މިޔާ އަހާލި އެވެ.

"މިޔާ ބޭނުމިއްޔާ. ޑަކްޓަރު ކުރާ ބައެއް ސުވާލުތަކަށް އަހަރެންގެ ކުރިމަތީ ޖަވާބުދޭން މިޔާއަށް އުނދުގުލެއް ނުވާނެތަ؟." އިޒީކިއަލް ބުންޏެވެ.

"ފިރިމީހާގެ ކުރިމަތީ ޖަވާބު ނުދެވޭނެ ސުވާލެއް އޮވެގެން ނުވާނެ ދޯ." މިޔާ މިހެން ބުނެލީ ރަކި ހިނިތުންވުމަކާއެކު އެވެ. އިޒީކިއަލް އެއްބަސްވުމުގެ އިޝާރާތެއްގެ ގޮތުން ބޯޖަހާލިއިރު އެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. އަދި ތަފާތު ޖަޒުބާތެއްގައި ޖެހެންފެށި ފަދައިން އިހުނަށްވުރެ އިޒީކިއަލްއާ މިޔާ ގާތްކޮށްލި އެވެ. އޭނާ މިޔާއާ ދިމާއަށް އަރިވެލައި ކޯތާފަތުގައި މޫނު ޖައްސާލި އެވެ. މަޑުމަޑުން މިޔާގެ ކޯތާފަތް ކައިރިން ތިރިވެލައި ކަރުދޮށުގައި އިޒީކިއަލްގެ މޫނު ފޮރުވާލި އެވެ.

"އިޒިކް... އިޒިކް..." ހޫނު ނޭވާއިން މިޔާގެ ހިއްސުތައް ހޭލަންފެށީ އެވެ. އިޒީކިއަލްގެ ދެ އަތް ހަރަކާތް ކުރާންފެށި ގޮތުން އޭނާގެ ގަސްތަކީ މިޔާ ނަގައި އޭނާގެ އުނގުގައި ބޭންދުންކަން މިޔާ ދެނެގަތެވެ. އެހެންނަމަވެސް މިޔާގެ ޟަމީރުވަނީ ޖެހިލުންވުމެއްގެ ތެރޭގަ އެވެ. ދެމަފިރިންގެ ގާތްކަމަކީ އިތުރު މީހަކަށް ފެނިގެންވަނޭ ޢަމަލެއްނޫންކަން އެ ޟަމީރު މިޔާއަށް ހަނދާންކޮށްދެނީ އެވެ. އިޒީކިއަލްގެ ގަމީހުގައި ބާރަށް ހިފަހައްޓަމުން ދިޔަނަމަވެސް މިޔާގެ ޟަމީރު ބުނަނީ ތިބެވުނު ތަނުގެ ގޮތުން އިޒީކިއަލްއާ ދުރަށް ޖެހުމަށެވެ.

"ހޫމް..." މިޔާގެ ގޮވާލުމާއެކު އިޒީކިއަލް ލައްވާލި އެވެ.

"މީހަކު... އިޒިކް... މީހަކަށް ފެނިދާނެ." ފުންވަމުންދާ ނޭވާއާއެކު އުނދަގޫ ގޮތަކަށް މިޔާ ބުނެލި އެވެ. އެއާއެކު އޭނާގެ ކަރުދޮށުން އިޒީކިއަލް މޫނު ނެގި އެވެ. ނަމަވެސް ދެ މީހުންގެ ނޭވާ އިޙްސާސްވާ މޫނު ވަނީ ކައިރީގަ އެވެ. މީޔާގެ ކޯތާފަތުގައި އެއް އަތުން ފިރުމާލުމާއެކު މަޑުމަޑުން ގެނެސް އިޒީކިއަލްގެ ބޮޑުވައި އިނގިލި ބައިންދާލީ މިޔާގެ ތުންފަތުގަ އެވެ.

"އަނބިމީހާކަން އެންމެންނަށް އެނގޭނެ." އިޒީކިއަލް ބުނެލީ ނިކަން މަޑުމަޑުންނެވެ.

"ބަޓް ސްޓިލް... ގޭގައި ދެމީހުން އެކަންޏެއް ނޫނެއްނު އުޅެނީ." މިޔާ ބުންޏެވެ. އިޒީކިއަލްގެ މޫނު މަޑުމަޑުން ގާތް ކުރަމުން އައެވެ. މިޔާގެ ނޭފަތުގައި އޭނާ ބޮސްދިނެވެ. އަދި މިޔާގެ ތުންފަތާ އިނގިލި ދުރުކޮށްލުމާއެކު އިޒީކިއަލްގެ ނަޒަރު އެ ތުންފަތާ އަމާޒުވެލި އެވެ.

(ނުނިމޭ)