ދުނިޔެ

މިހާރު އޮތް ޔުކްރޭނަކީ ޔުކްރޭނަށްވެސް އޮތް ނުރައްކަލެއް: ރަޝިއާ

ދުނިޔެ މިހާރު ދަންނަ ޔުކްރޭނަކީ ޔުކްރޭން ދެމިއޮތުމަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރަޝިއާގެ ކުރީގެ ރައީސް ދިމިތުރީ މެދްވޭދެފް ވިދާޅުވެއްޖެ އެވެ.

ޔުކްރޭންގެ ޒައާމަތުގައި ތިއްބެވީ ގައުމަށް އަދި އާންމު ރައްޔިތުނަށް ލޯތްބެއް، ކުލުނެއް އެ މީހުންގެ ހިތުގައި އޮތް ބައެއް ނޫން ކަމަށް މެދްވޭދެފް ވިދާޅުވި އެވެ.

ރައްޔިތުންނަށް އަޅާނުލާ ކަމުގެ ހެއްކަކީ މެދްވޭދެފް ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ހުރި ތަކުލީފްތަކާ މެދު މިހާރު އޮތް ސަރުކާރުން ނުވިސްނާ ކަމެވެ.

އޭނާ ވިދާޅުވީ ޔުކްރޭންގެ ވެރިކަމުގައި ހުންނެވީ މަޝްވަރާކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، މަޝްވަރާއަށް ފުރުސަތު ހޯދުމަކީ ރައްޔިތުންނަށްޓަކައި ސަރުކާރުތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މެދްވޭދެފް މިހެން ވިދާޅުވިއިރު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ ޔުކްރޭނަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާގެ ބާރުގެ ދަށުގައި އޮތް ޔުކްރޭންގެ އެއްވެސް ބިމެއް، ސަރަހައްދެއް ދެން އަނބުރާ ޔުކްރޭނަށް ނުދެއްވާނެ ކަމަށެވެ.

ރަޝިއާއިން ބޭނުންނަމަ ޔުކްރޭނުން ދައުލަތެއްގެ ސިފަ ކަނޑުއްވާލެވިދާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ އަވަށްޓެރިއެއްގެ ގޮތުގައި އޮވެ، ހުޅަނގަށް ބަރޯސާކުރުމުން ނުކުންނާނެ ނަތީޖާ މިހާރު ޔުކްރޭންގެ ވެރިކަމުން ފެންނާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ނޭޓޯ ލައްވައި ގޯހެއް ނުހެދުމަށް ރަޝިއާ އާދޭސްކުރަނިކޮށް، ޔުކްރޭނަށް ކުރެވުނު ކަމަކުން ނުކުތް ނަތީޖާ މުޅި ދުނިޔެއަށް ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

މެދްވޭދެފް ވިދާޅުވި ގޮތުގައި ޔުކްރޭނަށް ދެން ހެދޭނެ އެންމެ ބޮޑު ގޯހަކީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ޔޫރަޕާ ހަވާލުކުރުން ކަމަށެވެ. އޭރުން ދެން ފެށޭނީ މެދްވޭދެފް ވިދާޅުވި ގޮތުގައި މުޅިން އާ ހަނގުރާމަ އެކެވެ. އަދި ހަނގުރާމަ ނިމޭއިރު ދުނިޔޭގައި ޔުކްރޭން ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

މެދްވޭދެފް ވިދާޅުވީ އެމެރިކާ އާއި ބައިވެރިންނަށް ޔުކްރޭނަށް އެހީތެރިވުމުގައި ތާއަބަދަށް ދެމިނުތިބެވޭނެ ކަމަށެވެ. ޔުކްރޭނަށް އަބަދުވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ އަވަށްޓެރިންނާ ގުޅިގެން މަސްލަހަތު ހިމާޔަތްކުރުން ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަދި ކިތަންމެ ދުވަހަކަށް ދިގުދެމިގެން ދިޔަ ނަމަވެސް ރަޝިއާ އޮތީ ތައްޔާރަށް ކަމަށްވެސް މެދްވޭދެފް ވިދާޅުވި އެވެ. ރަޝިއާ މިހާރު އޮތީ އިގުތިސާދީ ހާސްކަމުން އަރައިގަނެ އަމިއްލަ ބާރުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.