ޑީއެންއާރް

އައިޑީ މައުލޫމާތު ބަދަލުވީނަމަ އާދިއްތައިގެ ކުރިން ހުށަހަޅަން އެދިއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހަނދާންކޮށްދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެެވެ. މިލިސްޓް ފައިނަލް ކުރުމަށްފަހު އައިޑީ ކާޑުގައިވާ މައުލޫމާތު ބަދަލުވެއްޖެނަމަ އެ މީހަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ އެވެ.

އެހެންވެ ޑީއެންއާރް އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އައިޑީ 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް އެދިފަ އެވެ.

ޑީއެންއާރް އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ މީހުންނަށް މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައި ދެވޭނީ، އެ މީހުންނަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވެވުނު ނަމަވެސް އެ މީހުންގެ އިއުތިރާޒެއް ނެތް ކަމަށްވާނަމަ ކަމަށެވެ.

ޑީއެންއާރް އިން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރިއެކޭވެސް އެއްގޮތަށް 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުކޮށް އައިޑީ ކާޑު ހަދައިދެމުން ދާނެ ކަމަށެވެ.