އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީ އިން ބުނީ ކުރިއަށް އޮތް މާޗް މަހު އޮންނަ މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ބޭނުންވާ ބޭރުގެ އޮބްޒާވަރުން އެކަމަށް އެދި ފޯމް ހުށަހެޅުމަށް މި މަހުގެ 30 ވަނަ ދުވަހުގައި ހުޅުވާލާނެ ކަމަށެވެ. ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި އީސީ އިން މިހާރު 10 ގައުމެއްގެ 20 މީހަކަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި ފަސް ޖަމިއްޔާއަކުން 10 މީހަކަށް ފުރުސަތު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

އިންތިހާބުގެ މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންނަށެވެ. މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ފޯމު ހުށަހަޅާ އެއްވެސް މީހަކު އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭންގައި ބައިވެރިވެ، ކެމްޕޭން ކޮށްދީގެން ނުވާނެ ކަމަށް އީސީ އިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާ އެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ހައްގުލިބިފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލީހުގައި 93 މެންބަރުން އިންތިހާބު ކުރާނެ އެވެ.