ވާހަކަ

މިލްކުވާނެބާ

(16 ޖަނަވަރީ 2024 އާ ގުޅޭ)

"އަނބިމީހާކަން އެންމެންނަށް އެނގޭނެ." އިޒީކިއަލް ބުނެލީ ނިކަން މަޑުމަޑުންނެވެ.

"ބަޓް ސްޓިލް... ގޭގައި ދެމީހުން އެކަންޏެއް ނޫނެއްނު އުޅެނީ." މިޔާ ބުންޏެވެ. އިޒީކިއަލްގެ މޫނު މަޑުމަޑުން ގާތް ކުރަމުން އައެވެ. މިޔާގެ ނޭފަތުގައި އޭނާ ބޮސްދިނެވެ. އަދި މިޔާގެ ތުންފަތާ އިނގިލި ދުރުކޮށްލުމާއެކު އިޒީކިއަލްގެ ނަޒަރު އެ ތުންފަތާ އަމާޒުވެލި އެވެ.

"ނަ... ނަފީޒާ..." ދެ ނޭވާ ދޭތެރެއިން މިޔާގެ ދުލުން ނުކުތެވެ. އެހިނދު އިޒީކިއަލް ދުރަށް ޖެހިލީ ނުހަނު އަވަހަށެވެ. އޭނާގެ ނަޒަރު މައިގެއާ ދިމާއަށް ދަތުރުކޮށްލި އެވެ.

"ނެތެންނު އެކަކުވެސް." ނަފީޒާ ނުފެނުމުން އިޒީކިއަލް ބުނެލި އެވެ.

ލިބުނު ފުރުޞަތުގައި މިޔާ އުނދޯލިން ތެދުވެ އިޒީކިއަލްއާ ދުރަށް ހިނގައިގަތީ ހެމުންނެވެ. މިޔާގެ އެ ސަމާސާއިން އިޒީކިއަލްގެ ތުންފަތް ވެސް ދެމިލައިފި އެވެ.

"ހިލްމީ އަންނަން އުޅޭނެ. މިޔާ ރެޑީތަ؟. އޭނާ އައީމަ އަހަރެމެން ނުކުންނަންވީ." އިޒީކިއަލް ބުންޏެވެ.

"ބޭގް ހިފައިގެން އަންނާނަން." މިޔާ މިހެންބުނެ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

* * * * *

ލާންޗު ތޮށްޓާ ކައިރިކޮށްލުމުން އިޒީކިއަލް ތެދުވި އެވެ. އޭނާ މިޔާއަށް އަތްދިއްކޮށްލި އެވެ. ލާންޗުން ތޮށިމައްޗަށް ފައިބަންދެން މިޔާ ހުރީ ފިރިމީހާގެ އަތުގައި ހިފައިލައިގެންނެވެ. އެފަދަ ކުދިކުދި ކަންކަމުން މިޔާއަށް ލިބެނީ ބަޔާންކުރާން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. އިޒީކިއަލް އޭނާއާމެދު ފަރުވާތެރިވެ ރައްކާތެރިވާކަމުގެ ރަމްޒަކަށް ވާތީ އެވެ.

"މިކޮޅުގައި ކާރު އޮތީ. ޖިހާދު އައިސް ހުރީ." ހިލްމީ ބުންޏެވެ. އިޒީކިއަލް ހަމައެކަނި ބޯޖަހާލީ އެވެ.

ކާރާ ހަމައަށް އާދެވުމުން މިޔާގެ އަތުން އިޒީކިއަލް ދޫކޮށްލީ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމަށެވެ. އޭގެ ދެމަފިރިން އެރީ ކާރުގެ ފަހަތަށެވެ. ހިލްމީ އެރީ ޑްރައިވަރު ކައިރިއަށް ކުރިއަށެވެ. އެނބުރި މާލެއަށް އާދެވުމުން މިޔާއަށް އަމިއްލަ ގެއަށް އާދެވުނު ފަދަ އިޙްސާސެއް ކުރެވުނެވެ. ހަމައެއާއެކު އެ ޚިޔާލުތައް އޭނާގެ އުފާވެރިކަން މިލުވާލައިފި އެވެ. ބައްޕަގެ މަރާއި ބޮޑުދައިތަގެ ރަޙުމެއްނެތްކަމުގެ ހަނދާންތައް މިޔާގެ ހިތަށް އުނދަގޫ ކުރަނީ އެވެ.

"ބިރުންތަ ތިއިނީ." މިޔާގެ ހިމޭންކަން ފާހަގަވެ އިޒީކިއަލް އަހާލި އެވެ. އެއާއެކު މިޔާ ދެފަރާތަށް ބޯހޫރާލި އެވެ.

"އެލީޓް ހެލްތް ކެއަރ" ކުލިނިކު ކައިރިޔަށް ކާރު މަޑުކުރި އެވެ. އިޒީކިއަލްގެ ފަހަތުން މިޔާ ކާރުން ފޭބި އެވެ. މަގުގައި ކާރު ބޭއްވެން ނެތުމުން ޑްރައިވަރާއެކު ހިލްމީ ވެސް ކާރުގައި ނައްޓާލީ އިޒީކިއަލް ގުޅާލީމާ ކުލިނިކު ދޮށަށް އަނބުރާ އަންނަ ގޮތަށެވެ. އިޒީކިއަލް ކުރިޔަށް ހުރެ ކުލިނިކުގެ ލޯގޯ ޖަހާފައިވާ ފުސް ބިއްލޫރީގެ ދޮރު ހުޅުވާލައި މިޔާ ވަންނަން ދެން މަޑުކޮށްލި އެވެ. ވަންނައިރު މޫނުޖެހޭ ދިމާގައި ޚިދުމަތުގެ ކަންކަމަށް ޚާއްޞަކޮށްފައިވާ ރިސެޕްޝަން ހުއްޓެވެ. ވައަތް ފަރާތުގައި ވަނީ ޚިދުމަތް ހޯދަން އަންނަ މީހުންނަށް މަޑުކުރެވޭނޭހެން ގޮނޑިބަރި ޖަހާފަ އެވެ. އިށީނުމުގެ ވިސްނުމެއް އިޒީކިއަލްގެ ނެތެވެ. އޭނާގެ ފަޓުލޫނު ޖީބުން ފޯނު ނެގި ގޮތަށް މީހަކަށް ގުޅައިފި އެވެ. ކުލިނިކަށް އައިސް ތިބިކަން އިޒީކިއަލް ބުނެލުމާއެކު ކޯލު ކުރުކޮށްލައިފި އެވެ.

ހަރު ހިނގުމެއްގައި އެތެރެއިން ނުކުތް ޒުވާނާ މަޑުޖެހިލި އެވެ. މިޔާއާއެކު އިޒީކިއަލް އައިސް ހުއްޓިލީ އެ ޒުވާނާގެ ކުރިމަތީ އެވެ. އޭނާ އިޒީކިއަލްގެ ވައަތް ފަރާތުގައި ހުރި މިޔާއަށް ބަލާލީ ނިކަން ފަރުވާތެރިކަމާއެކު އެވެ. އަދި އެ ނަޒަރު އިޒީކިއަލްއާ އަމާޒުކޮށްލި ހިނދު ހިސާބެއްގެ ގަޔާނުވުމެއް އެ ޒުވާނާގެ ދެ ލޮލުން ފާޅުވެލި އެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއްނުދީ އިޒީކިއަލް ސަލާމަށް އަތްދިއްކޮށްލީ އެވެ. ސަލާމްކޮށްލަމުން އެ ޒުވާނާ ބޯހޫރުވާލީ އިޒީކިއަލްއަށް ބަލަހައްޓައިގެން ހުރެ އެވެ.

"އާދޭ." އެ ޒުވާނާ ބުނެލި އެވެ.

ބަލިމީހުން ބަލާ ކޮޓަރިއަށް އިޒީކިއަލްއާއި މިޔާ ވަނެވެ. ޑަކްޓަރު އިންނަ މޭޒުދޮށުގައި ދެ ގޮނޑި ހުއްޓެވެ. އަދި އެއްފަރާތުން ބަލިމީހާ ބެލުމަށްޓަކައި ފަރުދާ ކުރެވިފައި ބައެއް ވެއެވެ. އެ ޒުވާނާ ފަރުދާ އެއްފަރާތް ކޮށްލި އެވެ. އެއާއެކު އެ އެތަނުގައި ހުރި އެނދު ފެނުނެވެ.

"އޮށޯވެލަންވީނު. ފުރަތަމަ ސްކޭނެއް ހަދާލަން މިއުޅެނީ." އެ ޒުވާނާ މިޔާއަށް ބުންޏެވެ.

އިޒީކިއަލްގެ ބަހެއް ހޯދާ ފަދައިން މިޔާ އޭނާއަށް ބަލާލި އެވެ. އެހިނދު އިޒީކިއަލް ބޯޖަހާލީ ކުރިޔަށް ދާށޭ ބުނެލި ފަދައިންނެވެ. އުސްކޮށް ހުރި އެނދަށް އެރުމަށް ޓަކައި ކައިރީގައި ތިރިގޮނޑިއެއް ހުއްޓެވެ. އޭގެ މައްޗަށް އަރައި ފައިވަން ބޭލުމަށްފަހު އެނދުގައި މިޔާ އޮށޯވެލި އެވެ.

"ހެނދުން ހިއްލާލާފައި ދަށްބަނޑު ފެންނަ ވަރަށް ޖިންސު ތިރިއަށް ޖައްސާލާ... ޖެލް އިނގޭ މި އަޅަނީ. ކުޑަކޮށް ފިނިވާނެ... ކުރީން ސްކޭނެއް ހެދިންތަ." އެ ޒުވާނާ ސުވާލު ކުރި އެވެ. ޖެހިލުންވެ އޮވެ މިޔާ ނޫނެކޭ ބުނަން ބޯހޫރާލި އެވެ.

"އަދި ނަމެއް ވެސް ނުބުނެވޭ ދޯ. އަހަންނަށް ކިޔަނީ އިޒްމީލް... ޑަކްޓަރެއް. ހީވަނީ ބިރުން އޮތްހެން... މީ ބިރުގަންނަންޖެހޭވަރު ކަމެއްނޫން. ކޮންނަމެއް ކިޔަނީ." މިޔާގެ ހާސްކަން ކުޑަކުރެވޭތޯ ޑަކްޓަރު އިޒްމީލް ބެލި އެވެ.

"މިޔާ." މަޑުމަޑުން މިޔާ ނަން ބުނެލި އެވެ.

"މޮނިޓާރ އިން އެ ފެންނަނީ މިޔާގެ ރަހިމް. މިދިމާއިން އެ ފެންނަނީ އޯވަރީޒް... ޕީރިއަޑް ރެގިއުލާތަ؟. އެންމެ ފަހުން ޕީރިއަޑްވީ ކޮން ތާރީޚެއްގައި." ޑަކްޓަރު އިޒްމީލް ސުވާލު ކުރި އެވެ. އަދި ޖިންސީ ގުޅުމެއް މިޔާ ހިންގާފައިވޭތޯ ވެސް އިޒްމީލް ސުވާލު ކުރި އެވެ. މިޔާގެ ނަޒަރު ވަގުތުން ދަތުރުކޮށްލީ އިޒްމީލުގެ ކަނާއަތް ފަރާތުގައި މަޑުކޮށްލައިގެން ހުރި އިޒީކިއަލް އަށެވެ. ދެމަފިރިންގެ ނަޒަރު ބައްދަލުވެގެން ދިޔަ ހިނދު މިޔާގެ މޫނަށް ލަދުވެތި ރަތްކަމެއް ވެރިވެގެން އައެވެ.

"އެކަހަލަ ކަމެއް ނުކުރަން." ލަދުންއޮވެ އިޒްމީލަށް ބަލާލަމުން ނިކަން އަވަސްއަވަހަށް މިޔާ ބުނެލައިފި އެވެ. އަދި އިޒްމީލް ދެން ކުރި ސުވާލުތަކަށް ވެސް އޭނާ ޖަވާބު ދީފި އެވެ.

"އިޓްސް ކްލިއަރ... ޝީ ހޭޒް ހެލްތީ އޯވަރީޒް. ނަތިން ޓު ވޮރީ." އިޒީކިއަލްއަށް ބަލާލާފައި އިޒްމީލް ބުންޏެވެ.

"އޯކޭ ތެދުވެލާ." މިޔާގެ ބަނޑުމަތި ފުހެލަން ޓިޝޫ ދިއްކޮށްލަމުން ޑަކްޓަރު އިޒްމީލް ބުންޏެވެ. އަދި އޭނާ ތެދުވެގެން އައިސް އެނދު ކައިރީ ހުރި ކަބަޑެއް ހުޅުވާލި އެވެ. އަދި ކަބަޑު މަތީ ހުރި ތަބަކަށް ސިރިންޖު ލަމުން އެ ހިފައިގެން ގެނެސް އެނދުގެ އެއްފަރާތުގައި ބަހައްޓާލި އެވެ.

"ލޭގެ ޓެސްޓެއް ވެސް ހަދާލަން ޖެހޭ. ބިރުގަނޭތަ ލޭނަގަން." މިޔާގެ ވައަތު މުލައްދަނޑީގައި ހިފާލަމުން ޑަކްޓަރު އިޒްމީލް ބުނެލި އެވެ.

"ނުގަނޭ ބިރެއް." މިޔާ ބުންޏެވެ. އޭނާއަށް ޑަކްޓަރ އިޒްމީލް އެ ގެންގުޅޭ އެކުވެރިކަމުގެ އުކުޅު ކަމުދިޔަހެން ހީވެ އެވެ. މިހާރު މިޔާ ފެންނަނީ އެތަނަށް ވަންއިރަށްވުރެ މީހާ ހަމަޖެހިފައި އިންހެންނެވެ.

މިޔާގެ ސިޙައްތާއި ގުޅިފައިވާ ވަރަށް ސުވާލު ޑަކްޓަރު އިޒްމީލް ކުރި އެވެ. ނޭވާލުމާއި ހިތުގައި މައްސަލައެއް އުޅޭތޯ ބެލުމުގެ އިތުރުން މިޔާގެ މެޑިކަލް ތާރީޚު ވެސް އޮޅުންފިލުވި އެވެ. އާންމުކޮށް ބަލިވޭތޯއާއި ބޮޑު ބައްޔެއް ކުރީންވެފައިވޭތޯއާއި އެއްވެސް ކަހަލަ ބޭހެއް ނުވަތަ ސަޕްލިމެންޓެއް މިޔާ ނެގިތޯ ނޫނީ ނަގަމުންދޭތޯއާއި ކަސްރަތު ކުރަންތޯ ވެސް ޑަކްޓަރު އިޒްމީލް އެއްސެވެ. މިޔާގެ ކިޑްނީއާއި ފުރަމޭގެ ދުޅަހެޔޮކަން ވެސް ޑަކްޓަރު ބެލި އެވެ. އިޒީކިއަލް އެދިފައިވާހެން މިޔާ ހުރިހާ ސުވާލަކަށް ތެދު ބަހުން ޖަވާބު ދިނެވެ. އޭރު އެ ހުރިހާ ވާހަކައެއް އަޑު އިވޭ ހިސާބު ކައިރީގައި އިޒީކިއަލް ވެސް ހުއްޓެވެ. ހުރިހާ އެއްޗެއް ޑަކްޓަރު އިޒްމީލް ދިޔައީ ނޯޓު ކުރަމުންނެވެ. ފަހުކަމަށް ޑަކްޓަރު ކުރީ މިޔާގެ އެކްސްރޭއަކާއި ސީޓީ ސްކޭނެއް ހެދުމެވެ. މިޔާގެ ހަށިގަނޑުގެ ތެރޭގައި މަސައްކަތައް ކުރާ މައިގަނޑު ހުރިހާ ގުނަވަނެއްގެ އިތުރުން ލޭގެ ދުޅަހެޔޮކަން ހުރިވަރެއް ވެސް ޑަކްޓަރު އިޒްމީލް ބަލައިފި އެވެ.

ކުލިނިކުން މިޔާމެންނަށް ނުކުމެވުނުއިރު މެންދުރުވާން ކައިރިވެއްޖެ އެވެ. ކުލިނިކު ކައިރީ އިޒީކިއަލްއާއެކު މިޔާ މަޑުކޮށްލައިގެން ހުރީ ކާރު އަންނަންދެނެވެ.

"އައިސްކްރީމް ބޯނަން." އިޒީކިއަލް އަހާލި އެވެ. މިޔާ ނިކަން ހައިރާންވި އެވެ. އެހާމެ އަވަހަށް އޭނާގެ ތުންފަތް އުފާވެރިކަމުން ދެމިލައިފި އެވެ. އާނއެކޭ ބުނަން މިޔާ އަވަސްއަވަހަށް ބޯޖާހިލި އެވެ.

ކާރުގައި މިޔާ ގޮވައިގެން އިޒީކިއަލް އައީ މާލޭގައި އައިސްކްރީމްގެ މަޤުބޫލުކަން އެންމެ ޒަމާންވަންދެން ހޯދާފައި "ސްކޫޕް" ރެސްޓޯރެންޓަށެވެ. މިފަހަރު ވެސް އޭގެ ދެމަފިރިން ތިބީ އެކަންޏެވެ. އަނެއްކާ ވެސް ގުޅާލަންދެން ޑްރައިވަރާއެކު ހިލްމީ ދިޔައީ އެވެ.

"ޑަކްޓަރ އިޒްމީލަކީ އިޒީކިއަލްގެ ފްރެންޑެއްތަ؟." އޯޑަރު ދިނުމަށްފަހު މޭޒުދޮށުގައި ހަމަޖެހިލި މިޔާ އަހާލި އެވެ.

"ނޮޓް ރިއަލީ... އެކަމަކު މެޑިކަލް ކަމެއްގައި އަހަރެން އޭނާއަށް ވަރަށް އިތުބާރުކުރަން." އިޒީކިއަލް ބުންޏެވެ.

"އެހާ ބައިވަރު ޓެސްޓްތައް ހަދަން ޖެހުނީމަ... އައި އޭމް އަ ލިޓްލް ކޮންފިއުސްޑް. އިޒީކިއަލް ބަލަން ބޭނުންވީ ކޮންކަމެއް؟. އަހަރެން ކްލީންތޯތަ؟." ކުލިނިކުގައި އިންއިރު ހިތާއި ސިކުނޑީގައި އުފެދުނު ސުވާލުތައް މިޔާ ދުލުން ބޭރުކޮށްލި އެވެ. ނަމަވެސް އޭނާ އިނީ އިޒީކިއަލްގެ ރައްދެއް އަންނާނޭ ގޮތަކާމެދު ސަމާލުވެގެންނެވެ. ހިސާބަކަށް ޖެހިލުން ވެސް ވެފަ އެވެ.

"ތިހެން ވެސް ބުނެވިދާނެތަ؟. އަހަރެން އެބައޮތް މިޔާ ކައިރީ ވާހަކައެއް ބުނަން." އިޒީކިއަލް ބުންޏެވެ.

"ބުނޭ." މޭޒުމަތީ އެއް އަތް މަތީ އަނެއްއަތް ބާއްވާލަމުން ކުޑަކޮށް ކުރިޔަށް ޖެހިލައި މިޔާ ބުނެލި އެވެ. އިޒީކިއަލް ބުނަން އުޅޭ ވާހަކައަށް ފުރިހަމައަށް ސަމާލުކަން ދީގެން އޭނާ އިންފަދަ އެވެ.

"އަހަރެން ކުއްޖެއް ހޯދަން ބޭނުން. ވަރަށް އަވަހަށް. އެކަމަށް ދުޅަހެޔޮ ސިއްޙަތެއްގައި މުހިންމު. ނޫންތަ؟. ކޮމްޕްލިކޭޓެޑް ޕްރެގްނެންސީއަކަށް ޗާންސް ކުޑަވާނީ އޭރުން. ބްލްޑް ޓެސްޓްގެ ރިޒަލްޑް އައީމަ އިޒްމީލް ބޭސްދޭނެ. އޭނާ ދޭ ބެސް މިޔާ ވާނެ ބޭނުންކުރަން. އައި ވޯންޓް އަ ހެލްތީ ބޭބީ." އިޒީކިއަލް މިހެންބުނެ މޭޒުމަތީ އޮތް މިޔާގެ އަތްމަތީ އޭނާގެ އަތް ބާއްވާލި އެވެ.

"އެކަމަކު... އެހާ އަވަސް އަރުވާލުން ރަނގަޅުވާނެތަ؟. އަހަރެމެން އަދި މެރީކުރީނު. އެހާ އަވަހަށް ބޭބީއެއް ހޯދީމަ ރިލޭޝަންޝިޕަށް އޭގެ އަސަރެއް ނުކުރާނެތަ؟." މިޔާގެ ނަފްސު އިޒީކިއަލް ހުށަހެޅި ހުށަހެޅުމަށް ތައްޔާރެއް ނޫނެވެ. ނަމަވެސް ފާޅުގައި އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރާކަށް ނުކެރުނެވެ.

"ނުވަ މަސް ވަންދެން މިޔާކަން އެނގޭ ބޭބީ ކެރީކުރާނީ. އެކަމަކު އަހަރެންގެ ހެލްޕް މިޔާއަށް އެދުވަސްތަކުގައި ލިބޭނެ. އަހަރެން ހުންނާނަން ކޮންމެ ވަގުތެއްގައި މިޔާއަށް ކަމެއް ޖެހުނަސް ކޮށްދޭން. ދެން އަނެއްކާ ބޭބީ އުފަންވީމަ މިޔާ ހާސްވާކަށް ނުޖެހޭނެ... މިޔާ. އައި ވޯންޓް ދިސް. އައި ޑޫ ރިއަލީ ވޯންޓް ދިސް... މެރީކޮށްގެން ތިބިއްޔާ މައްސަލައެއްނޫނެއްނު." މިޔާގެ އަތްތިލަ އިޒީކިއަލްގެ އަތްތިލައިގެ ތެރެއަށް ލައްވާލައި ބާރުކޮށްލީ އިޒީކިއަލްގެ ހިތުގެ އެދުން ހާމަވާނޭ އިޝާރާތެއްގެ ގޮތުންނެވެ.

އަމިއްލަ ނަފްސު ތައްޔާރު ނޫން ނަމަވެސް މިޔާ ބޯޖަހާލައި ލުއި ހިނިތުންވުމެއް އިޒީކިއަލްއަށް ހަދިޔާ ކުރި އެވެ. އެއާއެކު އިޒީކިއަލް ވަގުތުން މިޔާގެ އަތްތިލަ ކައިރިޔަށް ދަމާލައި އެ އަތުގައި ބޮސްދީފި އެވެ. އިޒީކިއަލް ކުއްޖަކު ބޭނުންވާވަރު ފެނުމުން މިޔާ އެ ހުވަފެން ހަޤީޤަތަކަށް ހަދައިދޭ ހިތްވި އެވެ. އެއީ ހަމައެކަނި އޭނާއަށް ދެވޭނޭ އުފަލެއްކަން އެނގޭތީ އެވެ. ހަމައެއާއެކު އިޒީކީއަލްގެ ހަޔާތުގެ ބައިވެރިއަކަށް އޭނާ ޚިޔާރުކުރީ ހިތުގައި ޚާއްޞަ ލޯތްބެއް އިޒީކިއަލްގެ މައްޗަށް ވެއެވެ.

"މާދަމާ ރޭ ސަޕްރައިޒް ޑިނާއެއް އޮންނާނެ. ވީއާ ގޮއިން ސަމްވެއަރ... ޓްރެވެލް ބޭގެއް ބޭނުންވާނެ. ތިން ދުވަހަށް މިޔާއަށް ބޭނުންވާނޭ އެއްޗެހި ޕެކްކޮށްލާތި. އަދި އެއްކަންތަ ނުކުރެވޭ... ކޮބާ ފޯނު. އަހަރެންގެ ނަންބަރު ސޭވްކޮށްލާ." ޖަޒުބާތީކަން ކެނޑި އިޒީކިއަލްގެ އާންމު ސީރިއަސްކަމަށް ބަދަލުވެލި އެވެ. އޭނާގެ އެ ސީރިއަސްކަމަށް އިޙްސާސްތަކާއި ޖަޒުބާތުތައް އިޒީކިއަލް ފާޅުކުރާ ވަގުތުތައް މިޔާއަށް މާބޮޑަށް ވެސް ކަމުދެ އެވެ. އިޒީކިއަލްގެ ސީރިއަސްކަމުގައި އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުހުރެ އެވެ. އެހެންވެ ބައެއްފަހަރު ކިތަންމެ ރީތިކޮށް ވާހަކަދެއްކީ ނަމަވެސް ހަރުކަށިކަމެއް މީހާގެ ހުންނަހެން ހީވަނީ އެވެ.

"ތިން ދުވަހަށް... ކޮންތާކަށް؟. ރާއްޖޭން ބޭރަށްތަ؟." މިޔާއަށް އަހާލެވުނެވެ. އޭނާ ވެސް އެ އިނީ އިޒީކިއަލް ދިން ޚަބަރުން ހިތް އަވަސްވެފަ އެވެ.

"އިޓްސް އަ ސަޕްރައިޒް. އިންތިޒާރު ކުރޭ... މާދަމާ ރޭ ނުވައެއް ޖަހާއިރަށް." އިޒީކިއަލް މިހެން ބުނެލިއިރު އެއްމިޔަކަނުން އޭނާގެ ތުންފަތް ދެމިލި އެވެ. މިޔާގެ ހިތް ތަޅުވަން ގަސްދުގައި އިޒީކިއަލް އުޅޭ ކަހަލަ އެވެ.

(ނުނިމޭ)