އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމު ހުސްވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ފަސް އަހަރުގެ ދައުރު ހަމަވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް ދެވަނަ ދައުރަކަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މާޗް 13، 2019 ގައެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ފޯމް ބަލައިގަންނާނީ މިމަހުގެ 29 އަދި 30 ވަނަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.