ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާ ބައްދަލުކުރައްވައިފި އެވެ.
އަސްލަމް ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އަސްލަމްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުރުން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އާއި ލަންކާގެ އިސް ބައެއް ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުންތަކުގައި އަސްލަމް ވަނީ ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އަސްލަމް ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އަދި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.