- ބްރިޖުގެ މަސައްކަތް ވަނީ ފަށާފައި
- މި އުޅަނދުގައި ހެވީ މެޝިނަރީ ހިމެނޭ
- މިފަދަ އުޅަނދެއް މީގެ ކުރިން ރާއްޖެއަކަށް ނާދޭ
ބިޔަ މަސައްކަތްކުރާ ގައުމުތަކުގައި މި ފޮޓޯ ވަރަށް އާއްމު ވާނެ އެވެ. މި މަންޒަރު ދެކި ފަރިތަ އެވެ. އެކަމަކު މި މަންޒަރު ދިވެހިންނަށް ބީރައްޓެސެވެ. މި ފޮޓޯއިން ފެންނަކީ ކޮން އެއްޗެއް ހެއްޔެވެ؟
ހުޅުލެ.- މާލެ ބްރިޖުގެ ތަނބުތައް ޖަހަން ފެށުމަށް ސުންގަޑި ދަނީ ގުނެމުންނެވެ. އެކަމަށް ބޭނުންވާ ހެވީ މެޝިނަރީތައް ހިފައިގެން އައި "ސަބްމާޖަބަލް" އުޅަނދު މިއަދު މިވަނީ ފައްތާލައިފަ އެވެ. އަދި އެ އުޅަނދުގައި ހުރި ހެވީ މެޝިނަރީތައް ރާއްޖެއަށް ބޭލުމުގެ މަސައްކަތް މިވަނީ ފަށާފަ އެވެ. މި ފޮޓޯއިން ފެންނަނީ އެ މަންޒަރެވެ. އެ ފޮޓޯގައި އެވަނީ މި އުޅަނދު އޮތް 90 ފޫޓާއި 100 ފޫޓުގެ ބޮޑު ދެ ބާޖު ބާލާ މަންޒަރެވެ.
މި ބާޖުތަކުގައި ހަރުކޮށްފައިވާ ވަރުގަދަ ކްރޭންތަކަކީ ބްރިޖުގެ ތަނބުތައް ޖެހުމަށް ބޭނުންވާ ކްރޭންތައް ހަރުކޮށްފައިވާ ބޮޑެތި އުޅަނދު ތަކެވެ.
މާލެ، ހުޅުލެ ބްރިޖް
- ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު
- ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
- ފުޅާމިނުގައި 20.3 މީޓަރު
- ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
- ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
- ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
- ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
- ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
ބޮޑު ދެ ބާޖު ބާލަން ހާއްސަ ސަބްމާޖަބަލް އުޅަނދު ކަނޑުގެ 18 މީޓަރުގެ އަޑިއަށް ފައްތާލާފައިވެ އެވެ. މި އުޅަނދުގައި ބޮޑު ދެ ބާޖުގެ އިތުރުން މި ބާޖުތައް ކަނޑުގައި ކަފު ޖަހައިގެން ދެމުމަށް ހާއްސަކޮށްފައިވާ ދެ ޓަގު ވެސް ހިމެނެ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި މިއީ ބްރިޖަށް އަންނަ ފުރަތަމަ ޝިޕްމަންޓެވެ. އަދި މިއީ މި މަސައްކަތް ކުރުމަށް އަންނާނެ އެންމެ ހެވީ މެޝިނަރީތަކުގެ ބައެކެވެ.