ވިޔަފާރި

ހުޅުމާލެ ފެރީ ޝެޑިއުލަށް ބަދަލެއް ނުގެންނަން: އެމްޓީސީސީ

Sep 9, 2018

"ސިނަމާލެ" ބްރިޖު ހުޅުވި ނަމަވެސް، ހުޅުމާލެއަށް އެމްޓީސީސީ ކުރާ ފެރީ ދަތުރުތަކަށް އަދި އެއްވެސް ބަދަލެއް ނުގެންނަ ކަމަަ އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބްރިޖުން ހުޅުމާލެ އަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔަ ނަމަވެސް، ފެރީ ޝެޑިއުލް އަށް އަދި އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި އެކަން ކުރާނީ އިތުރަށް ބެލުމަށްފަހު ކަމަށެވެ.

"ބްރިޖު އަދި ހަމަ ހުޅުވާލީ. ބްރިޖުން ދާން ނަގާނެ އަގުތައް ވެސް އަދި ހާމައެއް ނުކުރޭ. މިހުރިހާ ކަމެއް ގުޅިގެން އަންނާނެ ކަސްޓަމަރުން ފެރީ ހިދުމަތް ބޭނުން ކުރުމާ. އެހެންވެ ފެރީގެ ހިދުމަތަށް އަދި ބަދަލު ނުގެންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީ ފެރީ ޝެޑިއުލް އަށް ބަދަލު ނުގެނައި ނަމަވެސް ހުޅުމާލެއަށް ދާން ފެރީ ބޭނުންކުރާ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ހުޅުމާލެ އަށް އެންމެ ގިނައިން މީހުން ދާ އެއް ދުވަސް ކަމަށްވާ ހުކުރު ދުވަހު ފެރީ ބޭނުންކުރި އަދަދު ވަރަށް މަދެވެ.