ދުނިޔެ

ހަމާސްއަށް ފައިސާ ދެނީ އިޒުރޭލުން: ޖޯސެފް ބޮރެލް

ހަމާސް އަކީ ފަލަސްތީންގެ ބިންތައް ޔަހޫދީންނަށް ލިބޭނެ ގޮތް މަގުފަހިކުރަން ޔަހޫދީންނާ ޒަޔަނިސްޓުންގެ ރޭވުމަކުން އުފައްދާފައި އޮތް ބައިގަނޑެއް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެއްޖެ އެވެ.

ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި އިޒުރޭލު ސަރުކާރުން މިހާރުވެސް ހަމާސްއަށް މާލީ ތަނަވަސްކަން ފޯރުކޮށްދޭ ކަމަށާއި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ހަމާސް އަކީ ޔަހޫދީންގެ އެޖެންޓުންތަކެއް،" ޖޯސެފް ބޮރެލް ވިދާޅުވި އެވެ. "ހަމާސް މެދުވެރިކޮށް ޔަހޫދިން ކުރަން ބޭނުންވާ ކަމަކީ ފަލަސްތީންގައި ވެރިކަންކުރާ ފަތަހަ ޖަމާއަތް ބަލިކަށިކުރުން" އޭނާ ވިދާޅުވި އެވެ.

ސްޕޭންގެ ޔުނިވާސިޓީއެއްގައި ވާހަކަދައްކަވަމުން ބޮރެލް ވިދާޅުވީ އޮކްޓޯބަރު ހަތެއްގެ ހަމަލާތަކަށްފަހު ކަންތައް ނިއުޅެމުންދާ ގޮތަށް ބަލާއިރުވެސް -- ހަމާސްގެ އަމަލުތަކުން ފަލަސްތީނަށް ލިބުނީ ގެއްލުން ކަމަށެވެ.

ޣައްޒާގެ ބޮޑުބައެއް މިހާރު އެ އޮތީ ޒަޔަނިސްޓް ޔަހޫދީންގެ އަތްދަށުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހަމާސްއިން ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ކުރި ކަމަކުން ޣައްޒާއިން 24،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖޯސެފް ބޮރެލްގެ މިވާހަތަކަށް ރައްދުދެއްވައި ޔަހޫދީ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ހަމާސްއާ އިޒުރޭލާ އެއްވެސް ގުޅުމެއް ނޯވެ އެވެ. ހަމާސްއަށް ފައިސާ އާއި ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވީ އީރާނަކީ ޔަހޫދީންގެ ދުޝްމަނެއް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. ހަމަ އެފަދައިން ހަމާސް އަކީ ވެސް ހަޔޫދީންނަށް ހުރި ހަލާކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހަމާސް މެދުވެރިކޮށް އިިޒުރޭލުން އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ. ހަމާސް އެވަނީ ޔަހޫދީންނަށް ހިތާމަޖައްސާފައި ކަމަށްވެސް ވިދާޅުވި އެވެ.