ދުނިޔެ

އިންޑިއާގެ ގާނޫނުލް އުގޫބާތަށް ބަދަލެއް ގެންނަންޖެހޭ: ޕްރަނާބް

އިންޑިއާގާއި މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތަށް ބަދލު ގެންނަން ޖެހޭ ކަމަށް ރައީސް ޕްރަނާބް މުކަރުޖީ ވިދާޅުވެއްޖެ އެވެ.

އެ ގާނޫނަށް 155 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުކަރްޖީ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތުގައި ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު އެތައް ކަމެއް އެބަހުރި ކަމަށެވެ. އަދި މިޒަމާނާ ނުގުޅޭ އެތައް ކަމެއް ވެސް އެބަހުރި ކަމަށާއި މިޒަމާނުގައި ކުށުގެ ގޮތުގައި ބަލަމުން އަންނަ ބައެއް ކަންކަމަށް އެ ގާނޫނުގައި އަދަބު ހިމަނާފައި ނެތް ކަމަށެވެ.

އިންޑިއާގައި މިހާރު އަމަލުކުރަމުންދާ އުގޫބާތުގެ ގާނޫނަކީ އިނގިރޭސިންގެ އަޅުވެތިކަމުގައި ބޭނުންކުރަން ފަށާފައިވާ ގާނޫނުލް އުގޫބާތެކެވެ.

"މި ގާނޫނު 21 ވަނަ ގަރުނާ ގުޅޭގޮތަށް ބަދަލުކުރަން ޖެހޭ. ކުށުގެ ގޮތުގައި ކަނޑައެޅިފައި މިހުރީ ވަރަށް މަދު ކަންތައްތައް. މިހާރު ކުށުގެ ގޮތުގައި ބަލައި އެތައް ކަމަކަަށް އަދަބެއް ކަނޑައަޅާފައި ނުވެސް ނެތް. މިނޫނަސް އެތައް އެތައް ކަންތައްތަކެއް އެބަޖެހޭ ބަދަލުކުރަން." މުކަރްޖީ ވިދާޅުވި އެވެ. "މިނިވަންކަން ހޯދަން ކުރި މަސައްކަތުގައިވެސް ގާނޫނު ހުރި ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވި އެގޮތުން ގާނޫނުގެ 124 ވަަނަ މާއްދާ ފާހަގަކޮށްލެވޭ. ނުހައްގުން އެތައް ބަޔަކަށް އަދަބު ދެވިފައި އެބަތިބި. މަހާތުމާ ގާންދީ ވެސް ޖަލަށްލީ އެ މާއްދާގެ ދަށުން. މިހާރު ވެސް އެ ގާނޫނުގައި އެބަހުރި އިނގިރޭސިން އެ މީހުންގެ އިސްތިއުމާރީ ބޭނުންތަކަށް ހިމަނާފައިވާ ހުރި މާއްދާތައް،"

މުކަރުޖީ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކިބައިން ވީހާވެސް އަވަހަކަށް ގާނޫނަށް ބަދަލު ގެނެސް އިސްލާހުކުރަން އަންގާފަ އެވެ. އިންޑިއާގައި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އަމަލުކުރަން ފެށީ 1860 ވަނަ އަހަރެވެ.