ޓޫރިޒަމް

ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އޮކިއުޕެންސީ އިތުރުވެއްޖެ

ރާއްޖޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ ޑިސެމްބަރު މަހު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ހުރީ 57.2 ޕަސަންޓްގަ އެވެ. އަދި ހޮޓާތަކުގެ އޮކިއުޕަންސީ ހުރީ 39.5 ޕަސަންޓްގަ އެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުރީ 47.2 ޕަސަންޓްގަ އެވެ. ހޮޓާތަކުގެ އޮކިއުޕެންސީ ހުރީ 32.2 ޕަސަންޓްގަ އެވެ.

ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އޮކިއުޕެންސީ ޑިސެމްބަރު މަހު އިތުރުވި ނަމަވެސް ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ ޑިސެމްބަރު މަހު ދަށަށް ގޮސްފަ އެވެ.

ރިސޯޓްތަކުގެ އޮކިއުޕެންސީ މިދިޔަ މަހު ހުރީ 63.8 ޕަސަންޓްގަ އެވެ. މި އަދަދު ނޮވެމްބަރު މަހު ހުރީ 68.7 ޕަސަންޓްގަ އެވެ.

މީގެ އިތުރުން ސަފާރީތަކުގެ އޮކިއުޕެންސީވެސް ވަނީ ނޮވެމްބަރު މަހާއި އަޅާބަލާއިރު ޑިސެމްބަރު މަހު ދަށަށް ގޮސްފަ އެވެ.

ސަފާރީތަކުގެ އޮކިއުޕެންސީ ނޮވެމްބަރު މަހު ހުރީ 28.4 ޕަސަންޓްގަ އެވެ. ނަމަވެސް ޑިސެމްބަރު މަހު އެ އަދަދު ހުރީ 19.3 ޕަސަންޓްގަ އެވެ.