މޯލްޑިވިއަން އައިޑޮލް

ގާލާ ރައުންޑުގެ ފުރަތަމަ ބުރުން އިފްހާމް ކަޓައިފި

މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ފުރަތަމަ ބުރުން ކާށިދޫ އަށް އުފަން ލަވަކިޔުންތެރިޔާ މުހައްމަދު އިފްހާމް ކަޓައިފި އެވެ. އިފްހާމް ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

އިއްޔެ ރޭ އިފްހާމް ހުށަހަޅައިދިން "އެދޭތީ ޗާންދަނީމާ" ލަވައަށް ޖަޖުންގެ ފަރާތުން ލިބުނީ އެދެވޭ ކޮމެންޓްތަކެއް ނޫނެވެ. މިރޭ އިފްހާމް ލަވަ ހުށަހަޅައިދީފައިވަނީ އަބްދުﷲ ފާލިހް އަދި މުހައްމަދު ޒަލީފްއާއެކު އެވެ. "މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު އެކްސްޕީރިއެންސް، ވަރަށް ސަޅި، އެންމެންދެކެ ވެސް ވަރަށް ލޯބިވޭ، އަޅުގަނޑަށް ސަޕޯޓްކުރި އެންމެންނަށް ވެސް ޝުކުރުއަދާކުރަން، އެންމެންނަކީ ވެސް ވަރަށް ސްޕެޝިއަލް މީހުން،" އިފްހާމް މިރޭގެ ޝޯގައި ބުނެފައިވެ އެވެ.

ނަވާރަ އަހަރުގެ އިފްހާމް ކަޓައިގެން ގޮސްފައިވާއިރު ޝޯގައި ދެން ބާކީ ތިބީ 11 ބައިވެރިންނެވެ. މި 11 ބައިވެރިންގެ ތެރެއިން ވެސް އެއް ބައިވެރިޔަކު އަންނަ ހަފުތާ ކަޓައިގެންދާނެ އެވެ.

އިފްހާމް ޝޯއިން ކަޓައިގެން ގޮސްފައިވީ ނަމަވެސް ލަވަކިޔުމާ ދުރަށް ދިޔުމުގެ ވިސްނުމެއް އިފްހާމްގެ ނެތެވެ. އޭނާ މީގެކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި އެ ވާހަކަ ވަނީ ހިއްސާކޮށްފަ އެވެ.

"ގާލާ ރައުންޑުން ކަޓައިފިއްޔާމު ދެރަވާނެ. އެކަމަކު ކުރިން ދެރަވާނެ ވަރަކަށް ދެރައެއް ނުވާނެ. ސަބަބަކީ ޓޮޕް 12. އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެފައި މިހާ ހިސާބަށް އާދެވުނީމަ. މި ދާއިރާ އިން އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރަން. މި ފީލްޑް ދޫކޮށެއް ނުލާނަން ދެން ގައިމުވެސް،" އިފްހާމް ބުނެފައިވެ އެވެ.

"ކާމިޔާބުކުރެވުނަސް ނުކުރެވުނަސް މި ފީލްޑްގެ ފަރާތުން އަޅުގަނޑަށް ލިބޭ ކޮންމެ ފުރުސަތެއްގައި އެއްބާރުލުން ދޭނަން. ޓައިމް ހޯދައިގެން ވިޔަސް. މިހާރު ވެސް އެބަހުރި ފުރުސަތުތަކެއް ލިބިފައި."

ޝޯގައި މިހާރު ތިބި 11 ބައިވެރިން:

  • ލައިޝާ ޖުނައިދު
  • މުހައްމަދު މުއައްޒިމް
  • އަބްދުﷲ ފާލިހް
  • އިބްރާހިމް އަމާން
  • އަހުމަދު ނަޒީހް
  • އަބްދުﷲ ސޯދިގު
  • ޝަލަބީ އިބްރާހިމް
  • ފާތިމަތު ނަބަތު
  • މުހައްމަދު އިޝާން
  • މުހައްމަދު ޒަލީފް
  • ފާތިމަތު އަޒްލީމާ

ގާލާ ރައުންޑު ފެށުމާ އެކު މޯލިވިއަން އައިޑޮލް "ހޫނު" ގަދަވެފައިވާއިރު ބެލުންތެރިން އިތުރަށް ނޭވާ ހިފާޓާލާނެ ފަދަ ކަން ކަން ކުރިޔަށް އޮތް ކަމަށް ޕީއެސްއެމް އިން ބުނެ އެވެ. މިހާރުވެސް ގިނަ ދިވެހިންގެ ހިތް އަތުލާފައި ތިބި 11 ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިޔެއް ކަޓާގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި ކުރިއަށް ހުރި އެޕިސޯޑުތަކުން ފެންނާނެ އެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ގާލާ ރައުންޑްގެ ދެވަނަ ބުރު ދައްކާނެއިރު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ޝޯ ފެށުމާއެކު ހުޅުވިގެންދާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.