ވާހަކަ

މިލްކުވާނެބާ

(22 ޖަނަވަރީ 2024 އާ ގުޅޭ )

މަތީ ޑެކަށް އިޒީކިއަލްއާއެކު މިޔާ އެރުމާއެކު އޭނާގެ ތުންފަތް ދެމިލައިފި އެވެ. އިޒީކިއަލްގެ ވައަތު މުލައްދަނޑީގައި ހިފައި މިޔާއާ ގާތްކޮށްލެވުނީ އުފަލުންނެވެ. އުއްބައްތިތަކުން މުޅިތަން ހުޅުދާންކުރެވިފައިވާއިރު ދެ މީހަކަށް ޚާއްޞަކުރެވިފައިވާ މޭޒުމަތީގައިވަނީ އުއްބައްތީގެ ދެ ފާނޫޒެވެ. މޭޒުމަތީގައި ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއެއް އޮތެވެ.

"ދިސް އިޒް ފޯ ޔޫ." މިޔާގެ ނިތްކުރީގައި ބޮސްދީފައި އިޒީކިއަލް ބުނެލި އެވެ. އެ ހުރިހާ ތައްޔާރީތަކަކީ މިޔާއަށް ޓަކައި ކޮށްދިން ކަންކަން އެނގުމުން އޭނާގެ ހިތް އުފަލުން ނަށަން ފެށި އެވެ. އިޒީކިއަލްއަކީ އޭނާ ބޭނުންވާ ފަދަ ހުވަފެނުން ދެކެމުން އައި ކަހަލަ ފިރިއެކޭ ހިތް ބުނެލި އެވެ.

މިޔާ އިށީނުމަށް މޭޒު ކައިރީ ހުރި ގޮނޑި ފަހަތަށް އިޒީކިއަލް ދަމާލަ ދިނެވެ. މިޔާ އިށީނުމުން އޭނާ އައިސް މޭޒުގެ އަނެއްކޮޅުން މިޔާއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީނދެއްޖެ އެވެ. އަދި މޭޒުމަތީ އޮތް ރަތް ފިނިފެންމާ ބޮނޑިއަށް އިޝާރާތްކޮށްލައި އެއީ ވެސް މިޔާއަށްވީ ހަދިޔާއެއްކަން އޭނާ ބުނެލި އެވެ. ވަގުތުން އެ މާބޮނޑި ނަގައި ފޮޅިފައިވާ ބޮޑެތި ފިނިފެންމާތަކުން މިޔާ ވަސްބަލާލި އެވެ. ހުރިހާ މަލަކުންހެން ފާޅުވަނީ ތާޒާކަމެވެ. ޚާއްޞަކޮށް ރަތްކުލައިގެ ފިނިފެންމާ ރަމްޒުކޮށްދެނީ ލޯބިކަން މިޔާއަށް އެނގޭތީވެ އެ މާބޮނޑީގެ މާނައަކީ ކޮބާކަން މިޔާ ދެނެގެންފި އެވެ. އިޒީކިއަލް ހާމަކުރީ އޭނާދެކެ ލޯބިވާކަން ކަމުގައި މިޔާގެ ހިތާއި ސިކުނޑި ވެސް ޤަބޫލުކުރި އެވެ. ބައެއްފަހަރު ދުލުން ނުބުންޏަސް ލޯބިވާ މީހެއްގެ ޢަމަލުތަކުން އޭނާގެ ނިޔަތް ދެނެގަންނަން އެނގޭ ފަހަރު އާދެ އެވެ. މިޔާގެ ބުއްދިއަށް ވިސްނުނީ އެފަދައިންނެވެ.

އިޒީކިއަލްގެ ފޯނުކޯލާއެކު ޔޮޓުގައި ހުރި "ޝެފް" އާއެކު ދެ "ކްރޫ" މެންބަރުން ތަބަށްތައް ހިފައިގެން އަތުވެއްޖެ އެވެ. ތަށިތައް މޭޒުމަތީ އަތުރާލާފައި ދެ ކްރޫ މެންބަރުން ފަހަތަށް ޖެހިލި އެވެ. އެއާއެކު ޝެފް މޭޒާ ކައިރިވެލައިފި އެވެ. އަދި ތައްޔާރުކޮށްފައިވާ ބާވަތްތަކުގެ ތަފްސީލު އިޒީކިއަލްއާއި މިޔާއަށް އޮޅުންފިލުވައި ދޭން ފެށި އެވެ. އެކަން ނިންމާފައި ކެއުމަށް އިންސާފު ކުރުމަށް ދެމަފިރިންނަށް ވަގުތު ދީފައި ޝެފާއި ދެން ތިބި ދެ މީހުން ވެސް އެނބުރި ދިޔައީ އެވެ.

"ވާއޮ... ޔަމީ." އަނގަޔަށް ލީ ފުރަތަމަ ސަމްސަލާއެކު މިޔާ އަޖައިބުކޮށްލައިފި އެވެ. ރަހަތައް އާދަޔާ ޚިލާފަށް މީރުވީ އެވެ. މިޔާގެ ހަރަކާތްތަކުން އިޒީކިއަލް އިނީ ހިނިތުންވެލައިގެންނެވެ. މީރު ކަމުން ގޮސް އެއްވެސް އިޚްތިޔާރަކާއި ނުލާ މިޔާ ކާން އިން އުލުން އެތިކޮޅެއް ނަގައި އިޒީކިއަލްއަށް ދިއްކޮށްލެވުނެވެ. ކުރެވުނު ކަންތައް ސިކުނޑިއަށް ނަގައިގަނެވުނީ އިޒީކިއަލްއާ ދިމާއަށް އަތް ދަމާލެވުނު ފަހުންނެވެ.

"ހަމަ އެކައްޗެއް ދޯ." ރަކިވީ ފަދައަކުން އަވަހަށް ކައިރިއަށް އަތް ދަމައިގަނެ މިޔާ ބުނެލި އެވެ. ދެމަފިރިން ވެސް ކަމުން ދިޔައީ އެކައްޗެކެވެ.

"ކީއްވެ ތި ގެންދިޔައީ. ދީބާ... މިޔާ ކާގޮތުން ވެސް ރަހަބަލަން ބޭނުންވެއްޖެ. ހީވަނީ ތި ތަށި މާމީރުހެން." އިޒީކިއަލް ބުންޏެވެ. އެހިނދުން މިޔާގެ ހިނިތުންވުން ފުޅާވެލައިފި އެވެ. ފިރިމީހާގެ އޯގާތެރިކަމުގެ އިޙްސާސުން އޭނާގެ ދެ ލޮލުން ފާޅުވޭވޭ ހުރި ދިރުން އިތުރުވެގެން ދިޔަ އެވެ. ތަށްޓަށް ތިރިކޮށްލި އޫ ނަގައި އަވަސްއަވަހަށް އިޒީކިއަލްއަށް ދިއްކޮށްލި އެވެ. އެއާއެކު އިޒީކިއަލް ކުރިއަށް ޖެހިލައި މިޔާގެ އަތުގައި ހިފާލަމުން އުލުގައިވީ އެތިކޮޅު ކާލައިފި އެވެ. އަދި ނިތްއަރުވާލަމުން ބޯޖަހާލީ ހަޤީޤަތުގައި ވެސް މިޔާގެ ތަށި މީރޭ ބުނާ ފަދައަކުންނެވެ. އިޒީކިއަލްގެ އެ ކުޑަކުޑަ އިޝާރާތާއެކު ފަޒާގެ ތެރޭ މިޔާގެ ހީނލުމުގެ އަޑު މިއުޒިކެއް ފަދައިން އިވިގެން ދިޔަ އެވެ.

ދެމަފިރިން ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ތިބި ކަހަލަ އެވެ. އިޒީކިއަލްގެ ހުންނަ ސީރިއަސްކަމުގެ ބަދަލުގައި އޭނާ ހިނިތުންވުންވާތީ މިޔާ ދުށްޓެވެ. ކުދިކުދި ސަމާސާތައް އޭނާ މިޔާއާ ކުރަމުން ދިޔަ އެވެ. މިޔާ އިނީ ބުނެދޭން ނޭނގޭހާ އުފަލުންނެވެ. އޭނާއަށްވުރެ ނަސީބުގަދަ އަންހެންކުއްޖަކު މި ދުނިޔޭގައި ނުވާ ކަހަލަ އެވެ. އިޒީކިއަލް ފަދަ ޒުވާނެއްގެ ހިތް ފަތަޙަކުރުމަކީ ފަސޭހަކަމަކަށް ނުވާނޭ މިޔާގެ ހިތް ޤަބޫލުކުރެ އެވެ. ސަބަބަކަށްވަނީ އިޒީކިއަލްއަށް ދުނިޔެއިން ހާސިލުނުވާ އެއްޗެއް ނެތުމެވެ. ޒުވާންކަމާއި ހިތްތައް ލަންބުވާލާ ފަދަ ރީތިކަމެއް އިޒީކިއަލްއަށް ލިބިފައިވާއިރު މުއްސަނދިކަމާއި އާރާއިބާރު އޭނާއަށް ލިބިފައި ވެއެވެ. ހުރިހާ ގޮތުން ބެލިޔަސް މިޔާއަށް އިޒީކިއަލް ފެންނަނީ ފުރިހަމަ ޒުވާނެއްގެ ގޮތުގަ އެވެ.

ސަންޑެކުގެ އެއްފަރާތުގައި ޖަހާފައި ހުރި އިސްޕެންޖު ގޮނޑިތަކުގައި މިޔާ ގޮވައިގެން އިޒީކިއަލް އިށީނެވެ. އެމީހުން ޔޮޓަށް އެރީއްސުރެ އެ ދުއްވަމުން ދިޔަކަން މިޔާ ނުދެނަހުއްޓެވެ. މާފުށްޓާ ދުރަށް ޔޮޓު އައިސްފައިވާއިރު ވަށައިގެންވާ އަނދިރިކަމުގެ ތެރޭ ހާމައަށް އޮތް އުޑުން ތަރިތައް ފިޔަޖަހަމުން ދިޔަ މަންޒަރު މިއިން ދުވަހަކު ދެކެފައިނުވާ ކަހަލަ އެވެ. ލުއި ހިނިތުންވުމަކާއެކު ގުދުރަތުގެ އެ ފުރިހަމަކަމަށް އިސްއުފުލާލައިގެން ގެއްލިފައި މިޔާ އިނެވެ. އޭނާގެ ސަމާލުކަން އިޒީކިއަލްއަށް ޖެހުނީ އަތުލާށެވެ. މިޔާގެ ދަތްދޮޅީގައި ދެއިނގިލި ކުރީން ހިފާލައި މަޑުމަޑުން އިޒީކިއަލްއާ ދިމާއަށް އަނބުރާލި އެވެ.

"އަހަންނަށްވުރެ ޚާއްޞައީތަ؟." އިޒީކިއަލް އަހާލި އެވެ. މިޔާގެ ލޮލުން ފާޅުވީ އެބުނި އެއްޗެއް އޭނާއަށް ދޭހަނުވިކަމުގެ އަސަރެވެ.

"ކޮންކަމެއް؟." މިޔާއަށް އަހާލެވުނެވެ.

"މިޔާ ގެއްލިފައި ތިއިންކަމެއް." އިޒީކިއަލް މަޑުމަޑުން މިޔާއާ ދެމެދު އޮތް ހުސްތަން ކުޑަކުރަމުން ބުނެލި އެވެ.

"އާންމުކޮށް ނުފެންނަ މަންޒަރެއްވީމަ... އުޑުން ތަރި ފެނޭ. އެކަމަކު ހިތަށް އެރީ އަނދިރީގައި ފެންނައިރު ހާދަ ތަފާތުވެފައި އަޖައިބުވާހާ ރީއްޗޭ. ނޫންތަ؟." މިޔާގެ ޝުޢޫރުތައް ހާމަކޮށްލި އެވެ.

"މިވަގުތު އަހަރެންނަށް މިޔާނޫން އެއްވެސް ތަނެއް އަދި އެއްޗެއް ވެސް ނުފެނޭ." މިޔާގެ ކަނާއަތްތިލަ ނަގައި އިޒީކިއަލްގެ އަތްތިލައިގެ ތެރެއަށް ހެޔޮވަރުކޮށްލަމުން ބުނެލި އެވެ. އެ ބަސްތަކުން މިޔާ ހިނިތުންވެލި އެވެ.

"އައި އޭމް ހިއާ. މިވަގުތުން ފެށިގެން ހުރިހާ ސަމާލުކަމެއް އިޒީކިއަލްއަށް ދީފިން. ހެޕީ." ހިނިތުންވެލައިގެން އިނދެ މިޔާ ވާހަކަދެއްކި އެވެ. އިޒީކިއަލް ވަގުތުން ބޯޖަހާލި އެވެ.

"ޔޫ ހޭވް އެން އެމޭޒިންގް ފިގާ. ގޯޖަސް އެންޑް ސެކްސީ... ވަރަށް ބަލައިގެން ދޯ އުޅެނީ." މިޔާގެ ހަށިގަނޑަށް ބަލާލަމުން އިޒީކިއަލް ބުންޏެވެ. ވަގުތުން މިޔާ ރަތް ޖަންބަކަށް ބަދަލުވީ ފަދަ އެވެ. އޭނާގެ ދެ ކޯތާފަތާއި މޫނު ރަތްވެއްޖެ އެވެ. އިޒީކިއަލްގެ ނަޒަރު އޭނާގެ މޭމައްޗަށް ހުއްޓިފައިވާތީ ފެނުމުން ވައަތްތިލަ ހިއްލާލައި މެޔާ ހުރަސްކޮށްލެވުނެވެ.

"އެހާ ބަލައިގެންނެއްނޫން އުޅެނީ. ގޭގައި ހުންނަ ޓްރެޑްމިލްއަށް ދޭތެރެއަކުން އަރާލަން." މިޔާއަށް ބުނެވުނީ އުނދަގޫ ގޮތަކަށެވެ. ކަސްރަތު ނުކުރި ނަމަވެސް މިޔާއަކީ ރީތިކޮށް ހުންނަން މަސައްކަތް ކުރާ އަންހެންކުއްޖެކެވެ. ޚާއްޞަކޮށް އޭނާ ބޭނުންކުރާ ސަމާނާއި ލާއުޅޭ ހެދުންތަކުން އެ އެއްޗިއްސަށް ކުރާ ޚަރަދު ފެންނާނެ އެވެ. އަގުބޮޑެތި މަޝްހޫރު ބްރޭންޑްތަކެވެ. އުފަންވީ ތަނަވަސް ދިރިއުޅުމެއްގެ ތެރެއަށްވީމައި އޭނާގެ އަށަގަތީ އަގުބޮޑު ދިރިއުޅުމެއްގެ ވަށްޓަފާޅި އެވެ. ބޭނުންވާ ކޮންމެކަމެއް ވަގުތުން ފުދޭ ވިއްޔާ އެވެ. ނިކަމެތިކަމާއި ފަގީރުކަމަކީ ކޮންކަހަލަ ދިރިއުޅުމެއްކަމެއް އޭނާ އިޙްސާސްކޮށްފައެއް ނެތެވެ. ހުރިހާ އެއްޗެއް ގެއްލުނު ވަގުތު ވެސް އޭނާ ނިކަމެތިވުމުން އިޒީކިއަލް ސަލާމަތްކޮށްދީފި އެވެ. އެހެންވެ ދަތިކަމުގައި ދިރިއުޅުމަކީ ކޮބާކަމެއް އޭނާއަށް ތަޙައްމުލު ކުރާން ޖެހިފައެއް ނެތެވެ.

"ކައިރިއަށް އާދެބަލަ. އެއްވެސް މީހެއް ނާންނާނެ މިތާކަށް." މިޔާ ނުކެރިފައި އިންކަން އެނގި އޭނާގެ އުނަގަނޑުގައި ހިފައި ގާތަށް އިޒީކިއަލް ދަމާލި އެވެ. އެއާއެކު އަލިކޮޅަކަށް ވެސް ނުވަދެވޭހާ ދެ ހަށިގަނޑު ޖެހި ފިތިއްޖެ އެވެ.

އިޒީކިއަލް ވަގުތު ނަގާލުމެއްނެތި އަނބިމީހާއާ ގާތްވެލި އެވެ. މިޔާގެ ބައްޓަން ދަސްކުރަމުން ދާ ފަދައިން އިޒީކިއަލްގެ ބީހުންތައް ލަހެވެ. ދެ ނޭވާ ގުޅިފައިވާއިރު މިޔާއަށް ނޭވާލާނޭ ފުރުޞަތެއް ވެސް އިޒީކިއަލް ދޭން ބޭނުންނުވާ ކަހަލަ އެވެ. އޭނާގެ އެތެރެ ހަށީގައި ކުރީން ނުވާ ވަރުގަދަ ދަހިވެތިކަމެއްގައި ބަނދެވެމުން މީހާ ދިޔަ އެވެ. އިޒީކިއަލްގެ ބާރުގަދަ ދެ އަތުން މިޔާ ހިފަހައްޓާލައި ގެނެސް އޭނާގެ އުނގުގައި ބޭންދީ ކިހިނެއްކަމެއް ނޭނގެ އެވެ. އެއްފަހަރާ އެތައްކަމެއް ކުރުމުގެ ކުޅަދާނަކަން އިޒީކިއަލްއަށް ލިބިފައިވާކަން އޭނާގެ ހަރަކާތްތަކުން މިޔާއަށް އެނގެމުންދިޔަ އެވެ.

"އިޒިކް... ނޮޓް ހިއާ... ޕްލީޒް..." ފުންވެފައިވާ ނޭވާއާއެކު މިޔާއަށް ބުނެލެވުނެވެ. އޭރު އޭނާގެ ހެދުމުގެ ދަށުން ފަލަމަސްގަނޑަށް އިޒީކިއަލްގެ އަތްތިލައިގައި ހުރި ކުރަކިކަން އިޙްސާސް ވެއެވެ.

"ވެއިޓް... ވެއިޓް އިޒިކް..." ކުއްލިއަކަށް މިޔާ އުރާލައިގެން އިޒީކިއަލް ކޮޅަށް ތެދުވި ހިނދު އޭނާގެ ކަރުގައި ބައްދައިގަންނަމުން މިޔާ ގޮވާލި އެވެ.

"ވަޓް." ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން އިޒީކިއަލްއަށް ބުނެލެވުނެވެ.

"އަހަރެން ތިރީގައި ބަހައްޓަބަލަ." މިޔާ ބުނެލި އެވެ.

މިޔާގެ ފައިމައްޗަށް އޭނާ ތިރިކޮށްލުމާއެކު އަތުގައި ހިފާލަމުން އިޒީކިއަލް ހިނގައިގަތެވެ. ޔޮޓުގެ މައިޑެކުގައިވާ މާސްޓަރ ސުވީޓަށް ދެމަފިރިން އެކުގައި އައިސް ވަނެވެ. ކަޅާއި ހުދުން ފަރުމާކޮށްފައިވާ މިޒަމާނުގެ ކޮޓަރިއެކެވެ. އެނދުގެ މަތީގައި ބޮޑު ފްރޭމެއް ހަރުކޮށްފައި ވެއެވެ. އެ ބޮޑު އެނދުގެ ދެބައިކޮށްފަ އެއްބައިހެން ފޮރުވިފައިވީ އެކިވަރުގެ ބާލީސްތަކުންނެވެ. ހުދުތަންމަތީގެ މަތީ އެނދުގެ ފައިލާކޮޅުގައި ކަޅުކުލައިގެ "ބެޑް ރަނާއެއް" އަޅާފައި އޮތެވެ. އެނދާ ދިމާ ކުރިމަތީގައިވާ ބިތުގައި ފަތި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. އަދި އެދިމާ ތިރީގައި ހިމަދިގު ކަބަޑެއް ހުރިއިރު އަރިމަތީ ބިތުގައި ޔޮޓުން ބޭރު ފެންނާނޭހެން ދެ ކުޑަދޮރު ފަދައިން ބިއްލޫރި ހަރުކޮށްފައި ހުއްޓެވެ.

"ގިވް މީ ފައިވް މިނެޓްސް." ދޮރުލެއްޕުނު ހިނދު މިޔާ ބުނެލި އެވެ.

"ތްރީ މިނެޓްސް. ނޯ މޯ." ކުއްލިއެއް ޖެހިގެން މިޔާގެ އުނަގަނޑުގެ ދެ ފަރާތުން ހިފާލައި ގެނެސް ގައިގާ ޖައްސާލަމުން އިޒީކިއަލް ބުނެލި އެވެ.

"ފައިން. ތްރީ މިނެޓްސް." މިޔާ ދުރަށް ޖެހިލަން އިޒީކިއަލްގެ މޭގައި ދެ އަތް ވިއްދާލި އެވެ. އެއްބަސްވުމަށް ދިޔަ ފަދައިން މިޔާގެ އުނަގަނޑުން އިޒީކިއަލް ދޫކޮށްލި އެވެ.

އެނދުމަތީ ހުރި މިޔާގެ ދަތުރުދަބަސް ނަގައިގެން އޭނާ ހަލުވި ހިނގުމެއްގައި ވަނީ ފާޚާނާއަށެވެ. އިޒީކިއަލް ވަދެދާނޭ ހީވާތީ އޭނާ ދޮރު ވެސް ތަޅުލީ އެވެ. އަވަސް އަރުވާލާފައި ލައިގެން ހުރި ހެދުން އޭނާ ބޭލީ އެވެ. ދަތުރަށް ތައްޔާރު ކުރި ދަބަސް ހުޅުވާލުމާއެކު ފާޚާނާގައި ބޭނުންކުރާ ސާމާނު އަޅާފައިވާ ކުޑަ ދަބަސް ނެގި އެވެ. ކެއި އެއްޗެހީގެ ރަހަ އަނގައިން ކަނޑުވާލައި އާވިކަމާއި ތާޒާކަން ވެރިކޮށްލުމަށް އޭނާ ދަތްއުނގުޅާލި އެވެ. އަދި ފިރިމީހަށް ޓަކައި އޭނާގެ ހަށިގަނޑު ދޮވެ ތައްޔާރުވެލި އެވެ.

އެނދުމަތީ އިށީނދެލައިގެން އެއްފައި ތަޅުވާލަތަޅުވާލައި އިޒީކިއަލް އިންއިރު އޭނާގެ ކެތްތެރިކަމެއް ނެތްވަރު ފާޅުވެ އެވެ. އޭރު ލައިގެން އިން ގަމީހުގެ ގޮށްތައް ނެއްޓި އޭނާގެ މެއިން ފެށިގެން ބަނޑާ ހަމައަށް ހަށިގަނޑު ވަނީ ހާމަކޮށްލާފަ އެވެ. ބެލްޓު ނެއްޓި ފަޓުލޫނުގެ ގޮށް ވެސް ވަނީ ނައްޓާލެވިފަ އެވެ.

"މިޔާ..." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އިޒީކިއަލް ގޮވާލި އެވެ. އަދި އެނދުން ތެދުވީ ފާޚާނާއާ ދިމާއަށް އައުމަށެވެ. ފާޚާނާގެ ދޮރު ހުޅުވީ ހަމައެވަގުތެވެ.

"ސޮރީ." ފާޚާނާ ދޮރުމަތީ ހުއްޓިލައިގެން ހުރެ މިޔާ ކަންފަތު ފޫޅުގަނޑުގައި ދެ އަތުން ހިފާލީ ގިނައިރުވީތީ މަޢާފު ކުރާށޭ ބުނާ ފަދައިންނެވެ.

ބަހެއްކިޔަން ނޭނގި މިޔާއަށް ނަޒަރު ހުއްޓުނު ގޮތަށް އިޒީކިއަލްއަށް ހުރެވުނީ އެވެ. ހަށިގަނޑުގެ ނާރުތަކުގައި ކަރަންޓުގެ އޮއެވަރެއް އުފެދުނު ކަހަލަ އެވެ. ދެ ކޮނޑުގައި ހިމަ ވާކޮޅަކުން އައްސާލެވިފައިވާ ލޭސް ނައިޓީގެ އެތެރެ ހުރީ ފެންނާށެވެ. ބުޑުކޮޅު ކިރިޔާ ނިވާވާއިރު މިޔާގެ އޮމާން ދެ ފައިވަނީ ހާމައަށެވެ. އެއީ އިޒީކިއަލްގެ ހޮވުމެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް އެނދުގައި އިޒީކިއަލް އިށީނީ މިޔާއާ ނަޒަރު ވަކިކޮށްލުމެއް ނެތި އެވެ.

"ކަމް ހިއާ." ދަހިވެތި ބެލުމާއެކު މަސްތުކަމުގެ އަސަރުން ބަރުވެފައިވާ އަޑަކުން އިޒީކިއަލް ބުނެލި އެވެ. ލަދުވެތިކަމާއި ޖެހިލުންވުމާއެކު ބާރަށް ތެޅެމުންދިޔަ ހިތް މަތަނުވީ ނަމަވެސް މިޔާ މަޑުމަޑުން ލަސް ފިޔަވަޅުތަކެއްގައި އިޒީކިއަލްގެ ގާތަށް އަންނަން ފެށި އެވެ.

"ސްޓޮޕް ޓީސިންގް މީ." ވެރިކޮށްލި ހިނިތުންވުމަކާއެކު އިޒީކިއަލް ބުނެލި އެވެ. އެހިނދު މިޔާގެ ތުންފަތް ވެސް ދެމިލައިފި އެވެ. އިޒީކިއަލް އޭނާއަށް ބޭނުންވެފައިވާވަރު ފޮރުވަން މަސައްކަތެއް ނުކުރެ އެވެ. ފިރިމީހާގެ އެ ސިފަ މިޔާގެ ހިތުގައި މީގެ ކުރީން މީހަކަށް އަތްނުލެވިވާ އިޙްސާސްތައް ހޭލައްވަމުން ދިޔަ އެވެ. އަތް ފޯރާ ހިސާބަށް މިޔާ އައުމާއެކު އޭނާގެ އަތުގައި އިޒީކިއަލްއާ ގާތަށް ދަމައިގެންފި އެވެ. ޖަޒުބާތުތައް އުތުރި އަރައިގަތް ފަދައަކުން އިޒީކިއަލްގެ ދެ އަތުގެ ތެރޭ މިޔާ ފިއްތާލުމާއެކު ކޮނޑުގައި ދަތްއަޅާލި އެވެ.

(ނުނިމޭ)