އެޗްޕީއޭ

ރާއްޖެއިން ނައްތާލާފައިވާ ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް ވެފައިވާ ތިން ކުއްޖަކު ފެނިއްޖެ

ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ކޮންޓްރޯލް ކޮށްފައި އޮތް ޕަޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުން ބައްޔަށް ޕޮޒިޓިވްވެފައިވާ ތިން ކުޑަކުދިން ގއ. ވިލިނގިލިން ފެނިއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މި ބަލި ފެނުމާ ގުޅިގެން އައިޖީއެމްއެޗާއި ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަމަސް ވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުމަށް ހަމަޖެހިފައިވެ އެވެ.


އެޗްޕީއޭއިން ބުނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ހޯއްގޮވާ ކެއްސުން ނުވަތަ ޕާޓޫސިސްއަށް ޕޮޒިޓިވްވި ކުދިންނާ ބައްދަލުވެފައި ތިބި މީހުންގެ ތެރެއިން އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަމަސް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދެމުންދާ ކަމަށެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

ޕަޓޫސިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާ އިންނެވެ. ޕަޓޫސިސް ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައިވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. މީގެއިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެންދެ އެެވެ. ކުޑަކުދިންނަށް މީގެއިތުރުންވެސް ބައެއް އަލާމާތްތައް ފެނެ އެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މިބަލި ޖެހިއްޖެނަމަ ބަލީގައި މާބޮޑެތި އަލާމާތްތައް ނުފެނިވެސް ހުރެެދާނެ އެވެ.

ހޯއްގޮވާ ކެއްސުން ޖެހުމުން ފެންނާނެ އަލާމާތްތައް

ހޯއްގޮވާ ކެއްސުން ޖެހުމުން އެންމެ ފުރަތަމަ ފެންނަނީ އާންމު ރޯގާތަކުގައި ވެސް ފެންނަ ފަދަ އަލާމާތްތަކެވެ. ނަމަވެސް ބަލި ޖެހޭތާ ހަފުތާއެއްހައި ދުވަސްފަހުން ވަރަށް ބޮޑަށް ކެއްސައި ގިނަދުވަހަށް ކެއްސުން ދިގުލައިގެންދެ އެވެ.

މިބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރަންޖެހެ އެވެ.

މީގެއިތުރުން ރޯގާ ޖެހި ކެއްސާ މީހުންގެ ތެރެއިން ކެއްސުން ދިގުލައިގެންދާނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރިނަމަ ނުވަތަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.