އެންސްޕާ

އެހީދޭން ނުޖެހޭ ބަޔަކަށް އެންސްޕާއިން އެހީ ދީފައިވޭ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންދާ އެލަވަންސް ލިބެން ނުޖެހޭ ބަޔަކަށް ދީފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންދާ އެލަވަންސް ލިބެން ނުޖެހޭ ފަރާތްތަކަށް ދިނުމަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެހެންވެ އޮޑިޓާ ޖެނަރަލް ވަނީ ދޭން ނުޖެހޭ ބަޔަކަށް ދޫކުރީ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އަންގަވާފަ އެވެ.

މި ފައިސާގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ގޮތުގައި ދީފައިވަނީ 11 މިލިއަން ރުފިޔާ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް އެހީއަށް އަށް މިލިއަން ރުފިޔާ ދީފައިވާއިރު އެމީހުންގެ މާލީ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދީފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިފައިސާ އިތުރަށް ދޫކުރެވިފައިވަނީ އެހީ ލިބޭ މީހުންގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާ މީހުންގެ މައުލޫމާތު އެ އިދާރާއާ ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެ ނިޒާމެއް ނެތުމުން ކަމަށެވެ.