އިލެކްޝަންސް ކޮމިޝަން

ވޯޓުލާ ދުވަހަށް މާލޭގައި ޓެންޓްތަކެއް ޖަހަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ދުވަހަށް ހާއްސަކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފި އެވެ.

އީސީ އިން ދީފައިވާ ކުރެހުމާ އެއްގޮތަށް މި ޓެންޓްތައް ޖަހައިދިނުމަށް މިކަމަށް ޝަރުތު ހަމަވާ ކޮންމެ ބަޔަކަށްވެސް ކުރިމަތިލެވޭނެ އެވެ.

މި މަސައްކަތުގެ ބީލަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި އިލެކްޝަންސް ކޮމިޝަންގެ ހެޑް އޮފީހުގައެވެ.

މާލެ ސަރަހައްދުގައި ޓެންޓްތަކެއް ޖެހުމަށް ނިންމާފައި މިވަނީ ވޯޓުލާ ދުވަސްވަރު މާލޭގެ ސްކޫލުތަކުގައި އިމްތިހާންތަކެއް ކުރިއަށްދާނެތީ ސްކޫލުތަކުން ޖާގަ ހޯދުމަށް ދަތިތަކެއް ވެދާނެ ކަމަށް ބެލެވޭތީ އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް ކައުންސިލް އިންތިހާބުގައިވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ޓެންޓްތަކެއް ޖަހައި އެ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.