ޑީޖޭއޭ

ހަފުތާ ބަންދުގައިވެސް ކެންޑިޑޭޓުންގެ ރެކޯޑް ސާފުކުރާނެ: ޑީޖޭއޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމުގެ އިންތިޒާމު ހަފުތާ ބަންދުގައިވެސް ކުރިއަށްގެންދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 އިން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.

ޑީޖޭއޭ އިން ބުނީ މި މުއްދަތުގެ ތެރޭގައި އަންނަ ހަފުތާ ބަންދު ދުވަސްތަކުގައިވެސް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމު އެ ޑިޕާޓްމަންޓުގެ ރިސެޕްޝަނުގައި ހަމަޖެހިފައިވާ ކަމަށެވެ.

ހަފުތާ ބަންދުގައި ރެކޯޑް ސާފުކުރާ ވަގުތު

  • ފެބްރުއަރީ 2 އަދި 9 (ހުކުރު) ހަވީރު 4:00 އިން ރޭގަނޑު 7:00 އަށް
  • ފެބްރުއަރީ 3 އަދި 10 (ހޮނިހިރު) ހެނދުނު 11:00 އިން ހަވީރު 3:00 އަށް

ރެކޯޑް ސާފުކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ހިނގާނެތީ މި މުއްދަތު ލިބޭ ގޮތަށް ރެކޯޑް ސާފުކުރުމަށް ހުށަހެޅުމަށް ޑީޖޭއޭ އިން ވަނީ އެދިފަ އެވެ.

ޑީޖޭއޭގެ ރިސެޕްޝަން ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރެކޯޑް ސާފުކުރަން ހުށަހެޅޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ.