އެންސްޕާ

ބޭހަށް ރާއްޖެއިން ބޭރަށް ދިއުމަށް މިއަހަރު 1900 ޓިކެޓް ދޫކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް 1،900 އަށް ގިނަ ޓިކެޓް ދޫކޮށްފައިވާ ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ މީހުންނަށް ހަމަޖެހިފައި ހުންނަ އުސޫލުތަކުގެ ތެރެއިން އެންސްޕާ އާއި އާސަންދައިން އިންތިޒާމުތައް ހަމަޖައްސައިދެމުންދާ ކަމަށެވެ.

ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަންގާފައި ކަމަށް ބައެއް މީހުން ކުރާ ތުހުމަތުކުރާ ތުހުމަތުތަކަށްވެސް ހީނާ ވަނީ ޖަވާބު ދެއްވާފަ އެވެ. އެގޮތުން ހީނާ ވިދާޅުވީ ބަލި މީހުން ރާއްޖެ އިން ބޭރަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް އެއްވެސް އިރަކު ނޯންނަ ކަމަށެވެ.

ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ހީނާ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް 1،922 ޓިކެޓް ދޫކޮށްފައިވާ ކަމަށެވެ. މީގެތެރެއިން 97.2 ޕަސަންޓް ޓިކެޓް ދޫކޮށްފައިވަނީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް ކަމަށެވެ.

އާސަންދަ މެދުވެރިކޮށް އިންޑިއާ، ސްރީލަންކާގެ އިތުރުން ތައިލެންޑާއި ޔޫއޭއީ އިންވެސް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ތައިލެންޑާއި، ޔޫއޭއީ ފަދަ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭ ގައުމުތަކުން އާސަންދައިގެ ދަށުން ބޭސް ކުރުމަށްޓަކައި ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.