އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ނެރުނު ވަގުތީ އަމުރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އައިސީޖޭގެ އަމުރާ ގުޅިގެން ރައީސް ޑރ. މުއިއްޒު، ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް އައިސީޖޭ އިން މިއަދު ނެރުނު އަމުރަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
ރައީސް ވިދާޅުވީ ނަސްލެއް ނައްތާލުމަށްޓަކައި އިޒްރޭލުން ޣައްޒާގައި ހިނގަމުންދާ މީހުން މެރުމުގެ އަމަލުތައް ހުއްޓުވައި ހަނގުރާމަ ހުއްޓުވުން ތަންފީޒުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.
ކޮންމެ އިންސާނެއްގެ ދިރިއުޅުމަކީވެސް އަގެއް ހުންނަ އެއްޗަކަށްވާއިރު ދިރިއުޅުން ރައްކާތެރިކުރެވެން ވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ބޮން ގޮއްވުމާއި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކުރުވުމާއި "އަޕާތައިޑް" އަކީ ސުލްހަ ލިބޭނެ ކަންއްތަކެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒު މިރޭވެސް ތަކުރާރުކޮށް ވިދާޅުވީ އިޒްރޭލާއި ފަލަސްތީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967 އަހަރުގެ ކުރިން އޮތް ސަރަހައްދީ ރޮނގަށް ބަލައިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށެވެ.
އައިސީޖޭ އިން މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް އަމުރުކޮށްފަ އެވެ. އަދި މިއަމުރުގައި ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް އިޒްރޭލަށް އަމުރުކޮށްފަ އެވެ.
ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ކޯޓަށް ހުށަހެޅި މިމައްސަލަ އަކީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ މައްސަލައެއް ކަމަށް ބުނެ އިޒްރޭލުން ވަނީ މިމައްސަލަ ކޯޓުން ބޭރުކުރަން އެދިފަ އެވެ. ނަމަވެސް އައިސީޖޭގެ ފަނޑިޔާރުން ނިންމެވީ މި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާ ކަމަށެވެ.