ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގަ އެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަވީރު 5:00 އާ ހަމައަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދާނީ 77 ދާއިރާއެއްގައެވެ. ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޕީއެންސީގެ 13 ބޭފުޅަކަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ. މި ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

ޕްރައިމަރީގައި ވޯޓުލުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ޕީޕީއެމް ޕީއެންސީން ވަނީ ބުނެފަ އެވެ.

ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަަވަރު 13 ބޭފުޅުންގެ އިތުރުން ދެން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ނޯންނަ އަނެއް ތިން ދާއިރާއަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ވާދަކުރައްވާ މާފަންނު އުތުރު ދާއިރާ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިނގިލި ދާއިރާއާއި އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާ އެވެ. ސިޔާސީ ޕާޓީގެ މި ތިން ލީޑަރުންނަކީ މިވަގުތު ސަރުކާރާ އެކު މަސައްކަތް ކުރައްވާ ތިން ބޭފުޅުންނަށް ވާތީ އެ ދާއިރާތަކަށް ޕީޕީއެމް ޕީއެންސީގެ އެެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް އެ ޕާޓީތަކުން ވަނީ ނިންމާފަ އެވެ.