އެމެރިކާ

އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ލޫ ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ އިސް މަސްއޫލުވެރިޔެއް ކަމަށްވާ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ލޫ ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގައި އޮންނަ ޔޫއެސް-އިންޑިއާ ފޯރަމް ބައިވެރިވެވަޑައިގަތުމަށްފަހު ކަމަށެވެ.

ލޫއާ އެކު ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އެނާޖީ ރިސޯސަސް ޖެފްރީ ޕަޔާޓް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ލޫއާ އެކު ރާއްޖެ ވަޑައިގަންނަވާ ވަފްދު ބޭފުޅުން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ހުޅުވުމަށްޓަކައި ދިވެހި ސަރުކާރުގެ އިސްވެރިންނާ އެކު ރަސްމީ ވާހަކަތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ލޫގެ މިދަތުރުފުޅުގައި މަތީ ތައުލީމާ ގުޅުންހުރި ސަރުކާރުގެ އިސް އޮފިޝަލުންނާ އަދި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާވެސް ބައްދަލުކުރައްވާނެ އެވެ.