ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.
މީރާގެ ބައެއް އިސްވެރިންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވާކަން ފަތުހުﷲ ވަނީ އަންގަވާފަ އެވެ.
ފަތުހުﷲ މަގާމުން އިސްތިއުފާ ދެއްވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް -- ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށެވެ.
ފަތުހުﷲ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
އަވަސްއަށް ފަތުހުﷲ އަށް ގުޅި ނަމަވެސް އޭނާގެ ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގައެވެ.
ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.