ޑރ. މުހައްމަދު މުއިއްޒު

ފަތުރުވެރިކަމުގެ އާމްދަނީގެ ބައެއް ކައުންސިލްތަކަށް ޖަމާކުރަން ފަށަނީ

ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ވަރަށް އަވަހަށް ޖަމާކުރަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގައި ރައްޔިތުން އެދޭ ކަންކަން ކުރުމުގައި ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނު އިއުލާން ކުރައްވާފައިވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާ ގޮތަށް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އިހުތިސާސްގައި ފަޅު ރަަށް ނެތް ކައުންސިލްތަކަށް އެ ފުރުސަތު އަދިވެސް ދެމުންގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޭން ނިންމަވާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މި އަހަރުގެ މޭ މަހު ވިދާޅުވެފަ އެވެ.

ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މި އަހަރުގެ މޭ މަހު ވިދާޅުވީ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނެސް ކުރިއަށް އޮތް ތަނުގައި މީރާއަށް ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް ކޮންމެ ކައުންސިލަކަށް ލިބޭނެ ގޮތަށް ބައްޓަންކުރަން ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށެވެ.