ދުނިޔެ

ހަނގުރާމަ މެދުކަނޑާލިތާ 24 ގަޑިއިރު ނުވަނީސް ސީރިއާގައި ހަމަލާތަކެއް ދީފި

ފަސް އަހަރަށް ދިގު ދެމިގެން ގޮސްފައިވާ ސީރިއާގެ ދާހިލީ ހަނގުރާމަ ފުރަތަމަ ފަހަރަށް މެދުކަނޑާލިތާ 24 ގަޑިއިރު ނުވަނީސް ސީރިއާގެ ހުޅަނގުގައި އޮންނަ ހާމާ ޕްރޮވިންސުގައި ބޮމުގެ ހަމަލާއެއްދީފި އެވެ. މިހަމަލާގައި ހަތަރު މީހަކު މަރާލާފައިވާއިރު 8 މީހުން ޒަހަމްވި އެވެ.

މިހަމަލާ ދީފައި ވަނީ ސަލާމިއްޔާ އަވަށައް ވަންނަ މަގުގައި ހުރި ޗެކްޕޮއިންޓެއް ކައިރީ ގައެވެ. މިހަމަލާގެ ޒިންމާ މިހާރުވަނީ އައިއެސް އާއި ގުޅުން އޮންނަ ޖަމާތަކުން އުފުލާފަ އެވެ.

މިހަމަލާ ދީފައިވަނީ ހަނގުރާމަ މެދުކަނޑާލަންވި އެއްބަސްވުމުގައި ހިމެނޭ ސަރަހައްދަކަށް ނުވާތީ ހަނގުރާމަ މެދުކަނޑާލަން ހަދާފައި އޮތް އެއްބަސްވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހަނގުރާމަ މޮނިޓާ ކުރާ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެ އެވެ.

މިހަމަލާގެ އިތުރުން ދިމިޝްގުގައި އާންމުން ދިރިއުޅެމުން ދިޔަ ސަރަހައްދަކަށް ވެސް ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހަމަލާ ދީފައިވަނީ ކޮން ބައެއްކަން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

މިހަމަލާތަކަށްފަހު ސީރިއާ އަސްކަރިއްޔާގެ ސިފައިންނާ ބައެއް ޖަމާއަތްތަކާއި ދެމެދު ހަމަލާތަކެއްވަނީ ބަދަލުކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ހަނގުރާމަ މެދުކަނޑާލަން އެއްބަސުވުމުގައި ސޮއިކުރި އިރު އެމެރިކާއިން ވަނީ ހަނގުރާމަ ކުރިއަށް ގެންދޭތޯ ބަލާނެ ކަމަށް ބުނެ ސީރިއާ ސަރުކާރަށް އިންޒާރުދީފަ އެވެ.

ހަނގުރާމަ މެދުކަނޑާލަން ކަނޑައަޅާފައިވާ ވަގުތާ ހަމައަށް ރަޝިއާއިން ވަނީ ސީރިއާގައި އުޅޭ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ހަމަލާތައް ދީފަ އެވެ.

ޔޫއެން އިން ސީރިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސްޓެފަން ޑި މިސްޗޫރާ ވިދާޅުވީ ހަމަލާތައް މެދުކަނޑާލާފައި އޮންނަ ނަމަ މާޗް މަހުގެ 7 ދުވަހު ސުލްހައިގެ ވާހަކަތައް އަނެއްކާވެސް ފަށާނެ ކަމަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 250،000 މީހުން މަރުވި އިރު 11 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.