މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަށް އާންމުންނާ ސުވާލުކޮށްގެން ދިރާސާއެއް ކުރަނީ

ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރަން ފަށައިފި އެވެ.

މި ދިރާސާ ކުރިއަށް ގެންދަނީ "ޕަބްލިކް ޕާސެޕްޝަން ސާވޭ"ގެ ނަމުގައި އޮންލައިންކޮށެވެ.

މި ދިރާސާ އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮޮތުން ކުރިއަށް ގެންދާ ދިރާސާ އެކެވެ.

މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދިރާސާގައި ޖުމްލަ 37 ސުވާލު ހިމެނެ އެވެ. މި ދިރާސާގެ ސުވާލުތައް ފަރުމާކޮށްފައިވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓުދޭ ގޮތަށެވެ.

މި ދިރާސާގައި ބައިވެރިވާ މީހުންގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަން ކުރުމަށް ކަމަށް ފުލުހުން އިދާރާ އިން ބުނެފައިވެ އެވެ.