ހަބަރު

ކުކަރެއް މާއަވަަހަށް ހަލާކުވުމުން މައްސަލަ ޖައްސައި ގެއްލުމުގެ ބަދަލު ހޯދައިފި

މަލްޓި ކުކަރެއް މާއަވަހަށް ހަލާކުވުމުން ވިއްކި ފަރާތާ ދެކޮޅަށް މައްސަލަ ޖައްސައި އެ ކުކަރު ބޭނުންކުރި މީހާ މައްސަލަ ކާމިޔާބުކޮށްފި އެވެ.

ކޮންސިއުމާ އޮމްބަޑްސްޕާސަން އަށް މައްސަލަ ހުށަހެޅީ ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތެކެވެ.

އޭނާ މިމައްސަލަ ހުށަހެޅީ ބްރަދަހުޑް އިލެކްޓްރޯނިކްސް ފިހާރަ ހިންގަމުންދާ އެފިޝިއަންޓްބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 430 ރުފިޔާއަށް ކުކަރު ގަތްތާ ދެ މަސް ދުވަހުގެ ތެރޭގައި ތެލީގެ އެތެރޭގައިވާ ލާފައި ހުންނަ ތަތްނުލަވާ ކޯޓިން ފުރަތަމަ މަހުގެ ތެރޭގައި ނެއްޓި ތެލީގެ ބޭރުގައި ދަބަރު ޖަހާފައިވާ ކަމަށެވެ.

ލަންކާ މީހާ މިމައްސަލަ ކޮންސިއުމާ އޮމްބަޑްސްޕާސަން އަށް ހުށަހެޅީ ކުކަރު ވިއްކި ފަރާތަށް ފުރަތަމަ މައްސަލަ ހުށަހަޅައި ބަދަލު ދޭން ދެކޮޅު ހެދުމުންނެވެ.

ކޮންސިއުމާ އޮމްބަޑްސްޕާސަން މިމައްސަލައިގައި ނިންމީ ލަންކާ މީހާއަށް ކުކަރުގެ އަގު ބަދަލުގެ ގޮތުގައި ދިނުމަށާއި ކުކަރު ވިއްކި ފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.