މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ފޭކް ތައްގަނޑެއް ޖަހާފައިވާ ސެޓްފިކެޓްތަކެއް ގެންގުޅޭތީ ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް ނޭނގި ވަގަށް ތައްގަނޑެއް ޖަހައިގެން ތައުލީމީ ސެޓްފިކެޓްތަކެއް ބޭނުން ކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްކިއުއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީން ޕްރޮގްރާމުތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި ކުރިން ޖަހަމުން ދިޔަ "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ސެޕްޓެމްބަރު 1، 2016 ގައި ވަނީ ހުއްޓާލާފައި ކަމަށެވެ.

ނަމަވެސް އެ އޮތޯރިޓީގެ ފޭކް "ރިކޮގްނިޝަން" ތައްގަނޑު ބޭނުންކޮށް އަދި އެތަނުގެ މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސަނަދުތަކެއް ބަޔަކު ބޭނުންކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ. މިފަދަ ކަންކަމަކީ އެ އޮތޯރިޓީގެ މުވައްޒަފުންގެ ހައްގަށް ލިބޭނެ އުނިކަމެއް ކަމަށާއި އަދި މިއީ މަތީ ތައުލީމާއި ތަމްރީންގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދުމަށް މެދުވެރިވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

"މިކަން މިއޮތޯރިޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިމައްސަލަ ބައްލަވައިދެއްވުމަށް އެދި ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ވާހަކަވެސް ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފޭކް ތައްގަނޑު މައްސަލައިގައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން މިފަދަ ކަންކަމަށް މަތީ ތައުލީމް ފޯރުކޮށްދޭ އިދާރާތަކުންނާއި ވަޒީފާ ދޭ އިދާރާތަކުން ސަމާލުވުމަށް އެމްކިއުއޭ އިން ވަނީ އެދިފަ އެވެ.