ދުނިޔެ

އަފްގާނަށް އިއްްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 25 އަށް

އަފްގާނިސްތާނުގެ ދެ ސަރަހައްދެއްގައި އިއްޔެ ދިން ބޮމުގެ ދެ ހަމަލާގައި މަރު މީހުން އަދަދު 25 އަށް އަރައިފި އެވެ. މި ހަމަލާތައް ދީފައިވަނީ ކުނާރު ޕްރޮވިންސް އަދި ވެރިރަށް ކާބުލްގަ އެވެ.

އިއްޔެގެ ހަމަލާތައް ދީފައިވަނީ ސަރުކާރާއި ތާލިބާން ޖަމާއަތާއި ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުގައި ކާބުލްގައި ދިން ބޮމުގެ ހަމަލާދީފައިވަނީ ކާބުލްގެ ޑިފެންސް މިނިސްޓްރީ ކައިރީގަ އެވެ.

"ބޮމުގެ ހަމަލާގައި 12 މީހުން މަރުވި. އޭގެ ތެރޭގައި ސަރުކާރު ސިފައިންގެ ދެ މީހުންވެސް ހިމެނޭ. އަދި އިތުރު ނުވަ މީހުން ޒަހަމްވި" އިއްޔެގެ ހަމަލާތަކާއި ގުޅިގެން ކާބުލް ޕޮލިސް ޗީފް އަބްދުލް ރަހްމާން ރާހިމީ ވިދާޅުވެފައިވެ އެވެ.

ރިޕޯޓުަތއް ބުނާގޮތުގައި ކާބުލްގައި ޖާނުންފިދާ ވުމުގެ ހަމަލާދިން މީހާ އުޅުނީ ފައިމަގުގަ އެވެ.

މި ހަމަލާގެ އިތުރުން ކުނާރު އާބާދުގެ އަސަދްއާބާދުގައި ދިން ބޮމުގެ ހަމަލާގައި 13 މީހުން މަރުވެ 39 މީހުންވަނީ ޒަހަމްވެފައިވެ އެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނާއި ކުޑަކުދިންނެވެ. އަފްގާނުގައި ދޭ މިފަދަ ޖާނުން ފިދާވުމުގެ ހަމަލާތައް އިތުރުވާއިރު މިދިޔަ އަހަރުވެސް ދާހިލީ ހަނގުރާމަތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ރިކޯޑު އަދަދަކަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 11،002 މީހުން މަރުވެފައިވެ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މިހާތަނަށް 59،000 މީހުންނަށްވުރެ ގިނަ މީހުންނަށް އަފްގާން ދާހިލީ ހަނގުރާމައިގައި އަނިޔާ ލިބިފައިވާ ކަމަށް ޔޫއެންގެ ރިކޯޑުތަކުން ދައްކަ އެވެ.