އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި އީރާންގައި ހަތަރު މީހަކު މިއަދު މަރައިފި އެވެ.
މި ހަތަރު މީހުން މެރީ ސްޕްރީމް ކޯޓުން މި މީހުންގެ އިސްތިއުނާފު ބަލައި ނުގަތުމުންނެވެ.
މި ހަތަރު މީހުން ހައްޔަރުކުރި ކަމަށް އިދާރާތަކުން ބުނަނީ ޖުލައި 2022 ގައި އީރާގުގެ ކުރުދިސްތާން ސަރަހައްދުން ބޯޑަރު ހުރަސްކޮށް އީރާނަށް ގަވާއިދާ ޚިލާފަށް ވަންނަނިކޮށެވެ.
މި މީހުންގެ ކުށަކީ އިޒުރޭލުން ބުނެގެން -- ރިޝްވަތު ދީގެން އީރާންގެ އިސްފަހާންގައި ހުންނަ އަސްކަރީ ކާރުޚާނާއެއް ގަޮއްވާލަން މަސައްކަތް ކުރުމެވެ.
އީރާންގެ ދައުލަތުގެ މީޑިއާތަކުން ބުނި ގޮތުން މި ހަތަރު މީހުން ވަނީ އެފްރިކާގެ ބައެއް ގައުމުތަކުގައި އަސްކަރީ ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ. އަދި ގައުމުން ބޭރުގައި މޮސާދުގެ އެޖެންޓްނާ ބައްދަލުކޮށްފަ އެވެ.
އީރާންގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުން އިޒުރޭލުގެ ކޮންޓްރެކްޓަށް އީރާންގެ އަސްކަރީ މަރުކަޒުތައް ގޮއްވާލަން ހަނގުރާމަވެރިން މިދިޔަ އަހަރު ޖެނުއަރީގައިވެސް ވަނީ މަސައްކަތްކޮށްފަ އެވެ.
އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އަސްކަރީ ޑްރޯނާއި ބޮން ބޭނުންކުރި ކަމަށް އީރާންގެ އިދާރާތަކުން ބުނެ އެވެ. ނަމަވެސް އެ މީހުން ވިސްނާފައި އޮތް ވަރުގެ ހަމަލާތަކެއް ދިނުމުގެ ކުރިން އެ މީހުން ހައްޔަރުކުރީ ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.
އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ހަނގުރާމަވެރިން ރޭވި ހުރިހާ ރޭވުމެއް ރާވާފައި ވަނީ އީރާގުގައި ތިބެން ކަމަށާއި އީރާނަށް ބޮޑު ގެއްލުމެއް ނުދެވުނީ އިންޓެލިޖެންސްގެ ކުޅަދާނަ ކަމުން ކަމަށް އިދާރާތަކުން ބުންޏެވެ.
އީރާނުން މި ހަތަރު މީހުން މެރި ދަނޑިވަޅަކީ އީރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ދަނޑިވަޅެކެވެ.
ޣައްޒާ ހަނގުރާމައާ ގުޅިގެން ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންގެ އުނދަގޫތައް ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ވަނީ ބޮޑުވެފަ އެވެ. ހޫސީންނަށް ހަތިޔާރު ފޯރުކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދެނީ އީރާނުން ކަމަށް އިޒުރޭލާއި އެމެރިކާ ގަބޫލުކުރެ އެވެ. އަދި އުރުދުންގައި ތިބޭ އެމެރިކާ ސިފައިންގެ ފައުޖަކަށް ޑްރޯނުން ހަމަލާދީ ސިފައިންގެ ތިން މީހަކު މަރައި 25 މީހުން ޒަޚަމުކުރުމުގައި ވެސް އީރާންގެ އަތެއް އޮންނާނެ ކަމަށް އެމެރިކާ ބުނެ އެވެ.
އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ބުނީ ހަމަލާ ދިނީ ހޫސީން ކަމަށާއި ވޭންދެނިވި ގޮތަކަށް ބަދަލުހިފާނެ ކަމަށެވެ.