އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ މިހާރު ހިނގަމުންދާ މަޖިލީހުގައި ކުރިއަށް ގެންދާނެ ކަމުގައި އެމްޑީޕީން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ވަރަށް ވުރެ އިތުރަށްވެސް މިހާރު ސޮއި ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިކަމާ ގުޅޭ ގޮތުން ޕާޓީ ލީޑާޝިޕްގައިވެސް މަޝްވަރާ ކުރުމަށްފަހު މިކަން ކުރާނީ. އެހެންވީމަ އެ ހުށަހެޅުން ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ވަގުތާއި ހާލަތަށް ބަލާފައި، އެ ހުށަހެޅުން އަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ،" އޭނާ ވިދާޅުވި އެވެ.
މައްސަލަ މަޖިލީހަށް ހުށަހަޅާނެ ވަކި ދުވަހެއް ސާފުކޮށްދިނުމަށް ނޫސްވެރިން އެދުނު ނަމަވެސް ވަކި ދުވަހެއް ބިގޭ ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު މިއަހަރުގެ މެއި 27 ވަނަ ދުވަހު ހަމަވާނެތީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާނަމަ އޭގެ ކުރިން ނިންމަންޖެހޭނެ ކަމަށެވެ.
މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލައިގައި މަޖިލީހަށް ހުށަހަޅަންޖެހޭ ލިޔުމުގައި ޕީޕީއެމް ޕީއެންސީގެ މެންބަރަކު އަދި ސޮއި ކުރައްވާފައި ނުވާ ކަމަށެވެ. އެކަމަކު އެ ލިޔުމުގައި ސޮއި ކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުން ތިއްބެވި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތުގައި އުނދަގޫތަކެއް ދިމާވެދާނެ ކަމަށް ފެންނާތީ ވަގުތާ ގުޅޭގޮތަށް އަޅުގަނޑުމެން އެ ވާހަކަތައް ތިބޭފުޅުންނާ ހިއްސާކުރާނަން،" ބިގޭ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހު ގެނެސް އެމްޑީޕީއާއި އަދި އެ ޕާޓީއާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އެކަނި ވޯޓުލައިގެންވެސް ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. ސަރުކާރުން މިއަދު ވަނީ އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.