ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއް ނެތި ހަމަލާ ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ގޭންގުތަކާ ގުޅުން އޮންނަތީ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ ޕީޖީ ހުސައިން ޝަމީމަށް ބަޔަކު މިއަދު ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނެއް ގައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކޮށްފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން މާރާމާރީތައް އިތުރުވެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އަނިޔާވެރި އަމަލުތައް ހިންގެނީ އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާ ހުރެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށެވެ.
ބަޔާނުގައި ވަނީ ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި ޕީޖީ ޝަމީމަށް ހަމަލާ ދިން ބަޔަކު ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފަ އެވެ. އަދި ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށްވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.