ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ފުލުހުންނާ ހަވާލުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލެކްޝަންސް ކޮމިޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ އަލީ ޝުޖާއު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ދިމާވެދާނެ އެންމެހާ ކަންތައްތަކަށް ފުލުހުންގެ ހިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސީޕީ ޝުޖާއު ވިދާޅުވީ އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން ބަހާތަކުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ތަންފީޒު ކުރުމައްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"އިންތިހާބުގައި ފުލުހުންނާ ހަވާލުކުރެވިފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދޭނެ،" ޝުޖާއު ވިދާޅުވި އެވެ.

މިއެއްބަސްވުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތައް އެއްބަސްވުމުގައިވެ އެވެ.