ވާހަކަ

މިލްކުވާނެބާ

( 30 ޖަނަވަރީ 2024 އާ ގުޅޭ )

"ނިންމާފަ މަޑުކޮށްލަން ވާނެއެއްނު." ކުރުއަތް މައްޗަށް ތެދުވެލަމުން އިޒީކިއަލް ބުނެލި އެވެ.

މިޔާ އަލުން އޮށޯތީ އެވެ. އޭނާގެ މޫނުމަތިން މިފަހަރު އުފާވެރިކަމެއް ފާޅެއް ނުވެ އެވެ. ހިތްހަމަޖެހުމާއި އަރާމު އިޙްސާސް ނުވީކީ ނޫނެވެ. ހަށިގަނޑަށް ލިބޭ ކޮންމެ ހިތްހަމަޖެހުމަކުން ހިތަށް އުފާވެރިކަމެއް ގެނެސް ނުދެ އެވެ. ހިތަށް އުފާވެރިކަން ނުލިބޭނަމަ ހަޤީޤީ ހިތްހަމަޖެހުމެއް އެކަމެއްގައި ނުވެ އެވެ.

* * * * *

ދެމަފިރިން އެކުގައި ސިޑިން ފައިބައިގެން އައެވެ. އިރުއޮއްސުމާއި ކައިރިވެފައި ހުރުމުން ކެއުމުގެ ބަދަލުގައި ކޮފީއެއް ބޯލަން އިޒީކިއަލް ބޭނުންވީއެވެ. މިޔާ ވެސް ހުރީ ބަނޑުހައިވެފަ އެވެ. އިޒީކިއަލް އައިގޮތަށް އެ ހަށިގަނޑުގައިވި ހުރިހާ ހަކަތައެއް ދަމާލައިފި ވިއްޔާ އެވެ. އަނެއްކޮޅުން އޭނާ އެ ހުރީ ހެނދުނު ކާލި އެއްޗަކާއެކު އެވެ.

"ނަފީޒާ ބުނި މިޔާ ކާއެއްޗިއްސާ މެދު ފާޑުކިޔަނީއޭ. ގޭތެރޭގެ ކަންކަމަށް އޭނާއަށް އަމުރުކުރާ ވާހަކަ." ބަދިގެއަށް ވަންނަމުން އިޒީކިއަލް ބުންޏެވެ.

މިޔާގެ ފިޔަވަޅު މަޑުޖެހިލި އެވެ. ކާކަށް ކާކާ ދިމާއަށް ބާއޭ އެއްޗެހި ކިޔުނީ މިޔާއަށް ހިތާހިތާ ބުނެލެވުނެވެ. އޭނާ އެގެއަށް އައީސުރެ ނަފީޒާ ހުންނަނީ ފާޑަކަށް މޭކަރާފައިކަން މިޔާއަށް އޮތީ ފާހަގަވެފަ އެވެ. އަދި އިޒީކިއަލްއާއި ހިލްމީ ނެތުމުން ނަފީޒާގެ ކަންތައް އެއްދަރަޖަ މައްޗަށް ޖެހިލައިފިކަން ވެސް މިޔާއަށް ފެނިއްޖެ އެވެ.

"އޭނާ ކިހާ ދުވަހެއްވެއްޖެ މި ގެ ބަލަހައްޓާތާ؟." މިޔާ އަހާލި އެވެ.

"ގާތްގަނޑަކަށް ސިކްސް އިޔާޒް. ކިހިނެއްވީ؟." އިޒީކިއަލް ބުންޏެވެ.

ކަމެއް ނުވެޔޭ ބުނާ ކަހަލަ ގޮތަކަށް މިޔާ ބޯހޫރާލި އެވެ. އަދި އިޒީކިއަލްއަށް ކޮފީއެއް ހަދައިދޭންކަމަށް ކޮފީ މެޝިނާ ކައިރިވެލި އެވެ. ނަމަވެސް އިޒީކިއަލް އަމިއްލައަށް އެކަން ކޮށްލާނީ ކަމަށް ބުނުމުން މިޔާ އެއްފަރާތް ވެލީ އެވެ. ނަފީޒާ ވެސް އައިސް ބަދިގެއަށް ވަނީ އެ ވަގުތެވެ.

"ދައްތައަށް ގޮވާނުލީ ކީއްވެ؟." އަވަސްއަވަހަށް އިޒީކިއަލްގެ ގާތަށް ޖެހިލި ނަފީޒާ ބުންޏެވެ.

"ކޮފީއެއް ވީމަ." އިޒީކިއަލް ބުންޏެވެ.

"ތެދެއްތަ؟. ނަފީޒާ ކައްކާ އެއްޗިއްސަށް އަހަރެން ފާޑުކީންތަ؟. ކޮންކަމަކަށް އަހަރެންނަށް އަމުރު ކުރެވުނީ؟ އަހަރެން ކައިރީ ވެސް ބުނެލަބަލަ." ނަފީޒާ ފެނުމުން މިޔާއަށް ދޫ ހިމޭން ނުކުރެވުނީ އެވެ. އޭނާގެ ހަޤީޤީ ހިތްހަމަނުޖެހުން ގުޅިފައިވީ އިޒީކިއަލްއާ އެވެ. ނަމަވެސް ނަފީޒާގެ ވާހަކަ އިޒީކިއަލް ބުނުމުން އިތުރަށް ރުޅި ގަދަވީ އެވެ. އަދި ހިތުގައިވީ ހުރިހާ ނުރުހުމެއް ބޭރުކޮށްލުމަށް މިޔާ ޚިޔާރު ކުރީ ނަފީޒާ އެވެ.

"ދައްތައަށް ހީވަނީ ދެން އެންމެ ރަނގަޅުވާނީ މިގެއިން ދައްތަ ދިޔުންހެން." މޮޅިވެރިކަމެއް މޫނު މައްޗަށް ވެރިކޮށްލުމާއެކު ނަފީޒާ ވާހަކަދެއްކީ އިޒީކިއަލްއާ އެވެ.

"އެއީ އަދި ދާންޖެހޭވަރު ކަމެއް ނޫނެއްނު. މިޔާ ދެން އެހެން ނުހަދާނެ... ދޯ މިޔާ." ނަފީޒާއަށް ބަލާލާފައި އިޒީކިއަލް ދޯ ދެމުން މިޔާއަށް ބަލާލި އެވެ.

"އަހަރެންނަށް ކަމެއް ކުރެވިއްޖެތަ؟. އޭނާ ކައިރީ އަހާބަލަ." ރުންކުރުކަމާއެކު މިޔާއަށް ބުނެވުނެވެ.

"މިޔާ." އިޒީކިއަލްއަށް ވެސް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.

ހިތްހަމަނުޖެހުނުވަރުން މިޔާ އެތާ ނުހުރެ ހިނގައިގަތީ އެވެ. އޭނާ ނުކުތީ ގޯތިތެރެއަށެވެ. އުނދޯލީގައި މިޔާ އިށީނެވެ. އޭރު ސާފުކޮށް އެ މޫނުން ނުރުހުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ބުނަން ބޭނުންވެ ނުބުނެވި ހިތާއި ސިކުނޑީގައި އެ ވާހަކަތައް ބާއްވައިގެން އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މިޔާ އިނީ އެފަދަ ހާލެއްގަ އެވެ.

އެ ދުވަހަށްފަހު ގޭތެރޭގައި މިޔާގެ ހަމަޖެހުން ގެއްލިއްޖެ އެވެ. ހަފްތާއަކު ހަތަރު ރެއަށްވުރެ ގިނައެއްކޮށް މިޔާއާއެކު ގޭގައި ނިދާލާނޭ ފުރުޞަތު އިޒީކިއަލްއަށް ލިބޭ ކަމަކަށް ނުވެ އެވެ. ގިނައިން އުޅެނީ މާލޭގަ އެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ކޮންމެވެސް އެއްގަޑިއެއްގައި އޭނާ މިޔާގެ ގާތަށް އާދެ އެވެ. އަންނަނީ އެންމެ ސަބަބަކަށް ޓަކައި އެވެ. އުނިނުވެ މިޔާއަށް ލިބޭ ހިތްހަމަޖެހުމަކީ އެ ވަގުތުކޮޅުގައި އިޒީކިއަލްގެ ފަރާތުން ލިބޭ އަޅާލުމާއި ލޯތްބެވެ. ތަންމަތީގެ ގުޅުމަކަށް ދެމަފިރިންގެ ގުޅުން ހަމައެކަނި ވެއްޖެޔޭ މިޔާއަށް އިޙްސާސް ކުރެވެންފެށީ އެހެންވެ އެވެ. އަނެއްކޮޅުން ނަފީޒާގެ ޖެއްސުން ކުރުންތައް އައީ އިތުރުވަމުންނެވެ. ނަފީޒާއާއެކު ގޭތެރޭގެ ކަންކަން ކޮށްލުމަށް ގެނެސްފައި ހުރި އޭނާގެ ދެބެންގެދެދަރި ކުއްޖެއްކަމަށްވާ ސާދުނާގެ ފުރައްސާރަ ވެސް އެހާ ބޮޑެވެ. އޭނާއަށް އެހެން އުޅޭން ކެރެނީ ނަފީޒާގެ ސަބަބުންކަން މިޔާ ދެނަހުއްޓެވެ. އެމީހުންގެ ވެރިމީހާއަކީ އިޒީކިއަލްއަށް ވާއިރު އޭނާގެ އަނބިމީހާއަށް ޤަދަރު ނުކުރަންވީ ސަބަބެއް މިޔާއަކަށް ނުވިސްނެ އެވެ.

ބޮޑު ގެއެއްގެ ތެރޭ މަޑުމަޑުން މިޔާ އެކަނިވާން ފަށައިފި އެވެ. އަނގައިން ބުނެލާނޭ އެކުވެރި ރަޙުމަތްތެރިއަކު އޭނާގެ ނެތެވެ. ދޮރޯށި ދޮށަށް ނުކުމެލިޔަސް އަވަށްޓެރިއަކާ ވެސް ބައްދަލެއް ނުވެ އެވެ. ގެއިން ނުކުމެގެން މާދުރަށް އޭނާއަށް ދާކަށް ހުއްދައެއް ނޯވެ އެވެ. އިޒީކިއަލް އަންނަ ފަހަރު ވެސް އޭނާ ގޮވައިގެން ނުކުމެލަނީކީ ނޫނެވެ. އިޒީކިއަލްގެ ޔޮޓުން މިޔާ އެނބުރި އައިފަހުން އަނބިމީހާ ގޮވައިގެން ބޭރަށް ނުކުމެލުމުގެ ވިސްނުމެއް އިޒީކިއަލްގެ ނެތް ފަދަ އެވެ. ދުނިޔެއާ އޮތް ގުޅުން ކެނޑި އެކަހެރި ޖަލެއްގައި ހުރެވުމެކޭ މިޔާއަށް ތަފާތެއް ނެތް ކަހަލަ އެވެ. އިޒީކިއަލްއަށް ގުޅާލިޔަސް ފޯނުކޯލު ނަގަނީ މަދު ފަހަރަކު އެވެ. މުހިންމު ކަމެއް ނެތިއްޔާ ފޯނުކޯލުގައި މަޑުކޮށްނުލާނެ އެވެ. ދިރިއުޅުން މިޔާ ހީކުރިހާ ފަސޭހައެއް ނުވި އެވެ.

* * * * *

ކައިވެންޏަށް ތިން މަސް ވާން ކައިރިވަނީ އެވެ. މިޔާއަށް ގިނަވަގުތު ހުރެވެނީ ރުޅި ގަދަވެފަ އެވެ. ނަފީޒާއާއި ސާދުނާ އެއްޗެކޭ ބުނެފިނަމަ ދޫދޭކަށް އޭނާ ބޭނުމެއްނުވެ އެވެ. އިޒީކިއަލްގެ ކުރިމަތީގައި ވެސް އެމީހުންނަށް މިޔާ ރައްދުދެ އެވެ. ގޭތެރޭގެ ހަމަނުޖެހުން ބޮޑުވަމުންދާހެން އިޒީކިއަލްއަށް ހީވާންފެށީ ދެނެވެ.

އުނަގަނޑުމަތީ ފިރުމަމުން ސިޑިން ފައިބައިގެން މިޔާ އައީ މަޑުމަޑުންނެވެ. ކުޑަކޮށް ހުންވައްތަރުވެފައި ހުރި ކަހަލަ ހޫނުކަމެއް ހަށިގަނޑުގައި ހުއްޓެވެ. ރޭގައި މަޑުކޮށްފައި އިޒީކިއަލް ތެދުވެގެން ދިޔައީ ހެނދުނު ދިހައެއް ޖަހަނިކޮށެވެ. ފަތިހުން ފެށިގެން އިޒީކިއަލް ވަނީ އޭނާ ނިދިން މަހުރޫމުކޮށްފަ އެވެ. އެހެންވެ ވަރުބަލިވެފައި ހުރިވަރުން މިޔާ އަނެއްކާ ވެސް ނިދީ އެވެ. ކުރީން ނުވާ ވަރަށް އޭނާ ވަރުބަލިވާކަން ފާހަގަވިތާ ދެ ހަފްތާއެއް ވެއްޖެ އެވެ. ކާހިތްނުވާތީ ރަނގަޅަށް ނުކެވޭތީ ކަމަށް މިޔާ ހީކުރި އެވެ. އަނެއްކޮޅުން މި ދުވަސްކޮޅު އޭނާގެ ޖަޒުބާތުތަކުގައި އެއްވެސް ހިފެހެއްޓުމެއްނެތިގެން އުޅޭ ކަހަލަ އެވެ. ރުޅިގަދަވެގެން ފަޅައިގެން ގޮސް ރުއިން ގިނަވެއްޖެ އެވެ. ޖަލެއްގައި ބަންދުވެފައި އިން ގައިދީއަކަށްވުރެ މިޔާގެ ހާލު ބޮޑުކަން ބުނެ ރޭގައި އިޒީކިއަލް ގާތު މިޔާއަށް ވަރަށް ރޮވުނެވެ. އިޒީކިއަލް އޭނާއާ ކައިވެނި ކުރީ އޭނާ ދުނިޔެއަށް ފޮރުވައިގެން ގެންގުޅޭންތޯ ވެސް އެހުނެވެ. މިޔާގެ ހިތުގައި ޖެހިފައި ހުރިވަރު އިޒީކިއަލްއަށް ފެނުނެވެ. އެހެންވެ މުޅި ދުވަހު މިޔާއާއެކު ވަގުތު ހޭދަ ކުރާނޭކަމަށް އިޒީކިއަލް ރޭގައި ވަޢުދުވި އެވެ. ނަމަވެސް ހެނދުނު އިރު އެރުމާއެކު އޭނާއަށް އޮތީ ދާންޖެހިފަ އެވެ. ނަމަވެސް މިފަހަރު ނުކުމެގެން ދިޔައީ މެންދުރު ކާގަޑިއަށް ގެއަށް އަންނާނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިޔާއަށް ދީފަ އެވެ. އަދި ދެމަފިރިން އެކުގައި ކައިގެން ދުވަހުގެ ބާކީ އޮތް ވަގުތުތައް މިޔާއާ ދުރަށް އިޒީކިއަލް ނުދާނޭކަމަށް ވެސް އޮތީ އެއްބަސްވެފަ އެވެ.

"މެންދުރުވަންދެން ނިދަން އޮންނަން... ރީތި އުޅުމެއް ތިހުރީ." ހިއްކަން އަޅާފައި ހުރި ބެޑްޝީޓުތައް ނަގައިގެން ގޭތެރެއަށް ވަން ނަފީޒާއަށް މިޔާ ފެންނަ އިރަށް ބުނެލައިފި އެވެ.

"އޭނާ ހިތުން އޭނާއަކީ މެޑަމްއޭ. އެހެންވީމަ އުޅޭނީ އެހެންނު." ނަފީޒާގެ ފަހަތުން ނުކުތް ސާދުނާ ބުނެލި އެވެ.

"މެޑަމްއަށް ކާން ހަދަން މިދަނީ. މި ހިފައިގެން ދޭ." ނަފީޒާގެ އަތުގައި ހުރި އެއްޗެހި ސާދުނާއަށް ދިއްކޮށްލި އެވެ. ސާދުނާ ހިނގައިގަތުމުން ނަފީޒާ އައީ ބަދިގެއަށެވެ.

މިއަދަކީ މިޔާއަށް ރަނގަޅު ދުވަހެއް ނޫނެވެ. ރައްދުދޭން ބޭނުންވީ ނަމަވެސް މިޔާ އަޅާނުލީ އެކަމުގައި ހަށިގަނޑުގެ ހަކަތަ ބޭކާރުކޮށްލަން މިވަގުތު ބޭނުންނުވެގެންނެވެ. އޭނާ އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

"އިޒީކިއަލް އަންނާނެ މެންދުރު ކާން. އަހަރެމެން އެކުގައި ކާނީ. މިވަގުތު އަހަރެންނަށް ހޮޓް ޗޮކުލެޓް ތަށްޓެއް ހަދައިގެން ގެނެސްދީބަލަ." ދެ އުޅަންބޮށިކޮޅު މޭޒުގައި ވިއްދާލައިގެން ބޮލުގައި ދެ އަތުން ހިފަހައްޓާލައިގެން އިނދެ މިޔާ ބުންޏެވެ. އެ ގަޑީގައި އޭނާ އާންމުކޮށް ބޯ އެއްޗަކަށް ހޫނު ޗޮކުލެޓު ނުވިޔަސް ކުއްލިއަކަށް ހަމަ ބޭނުންވީ އެވެ. ސިޑިން ފޭބީ އިޒީކިއަލް އަންނަންވާއިރަށް ބަނޑުހައިކަމުގައި ހުރުމުގެ ބަދަލުގައި މޭވާއެއް ކާލަން ވިސްނައިގެންނެވެ. ނަމަވެސް ބަދިގެއަށް ވަދެވުމާއެކު މިޔާގެ ޚިޔާލު ބަދަލުވީ ނުހަނު އަވަހަށެވެ.

"މުޅި އުމުރު ތިގޮތަށް އުޅެވޭނެކަމަށް ދޯ ތިހީކުރަނީ؟. ކޮންމެ އަންހެނަކަށް ފެންނަނީ އޭނާގެ ލާރިގަނޑު." ނަފީޒާ ފަށައިގަތެވެ. މިޔާއަށް ހޫނު ޗޮކުލެޓު ތަށްޓެއް ގިރަން ހުރެ އޭނާ އެތައް އެއްޗެއް ކިޔެވެ. ނަމަވެސް ހައިރާންކަން ލިބުނީ މިޔާގެ އަޑެއް ނީވުނީމަ އެވެ. ޗޮކުލެޓު ތަށި ހިފައިގެން އޭނާ އެނބުރިލީއިރު ކާމޭޒުދޮށުގައި މިޔާ އިނީ ކުރީން ވެސް އިންހެން ބޮލުގައި ހިފަހައްޓާލައިގެންނެވެ.

"މިއަދު އެއްޗެކޭ ނުބުނެ މިއިންނަނީ ކީއްވެބާ؟." ނަފީޒާގެ ހިތަށް އެރި އެވެ. އޭނާ ބޭނުންވަނީ މިޔާ ރޭރުކުރަން ކަހަލަ އެވެ. މިޔާގެ އެއްވެސް އަގެއްނެތްކަން ބުނެދޭން އޭނާ އުޅޭ ކަހަލަ އެވެ. ހިމޭންވެފައި މިޔާ އިނީތީ މިފަހަރު ދޫލަނޑެއް ނުދޭނަމޭ ނަފީޒާގެ ހިތަށް އެރި އެވެ.

ނަފީޒާ ބިސްކޯދު އެޅި ކުޑަތަށި މޭޒުމަތީ ބެހެއްޓިލެއް ބާރުކަމުން މިޔާ ވަގުތުން އިސްއުފުލައި ބަލާލިއެވެ. ތަށި ބިސްކޯދެއް މޭޒު މައްޗަށް ވެއްޓެން ވެސް ވެއްޓުނެވެ. ހިތްހަމަނުޖެހުމުގެ އަސަރު މިޔާގެ ލޮލުގައި ވިއެވެ. ތަބަކުގައި އިން ހޫނު ޗޮކުލެޓު ޖޯޑު ނަގައި މޭޒުގައި ބެހެއްޓި ގޮތުން އެ ތަށި އަރި އަޅާލައި އޭގައި ހުރި ހޫނު ޗޮކުލެޓު މޭޒުމަތީ ބާއްވާލާފައި އޮތް މިޔާގެ ކަނާއަތްތިލަ މައްޗަށް އެޅުނެވެ.

"އައްދޯއި... ހާދަ ހޫނޭ..." އަތް ދަމައި ގަނެ ތަޅުވައި ގަންނަމުން މިޔާއަށް ބާރަށް ބުނެވުނެވެ. އޭރު އޭނާ މޭޒު ކައިރިން ކޮޅަށް ތެދުވެވިއްޖެ އެވެ.

"ކަންބޮޑު ކުރަން ނޫޅޭ. އެހާ ހޫނެއްނުވާނެ." ޖޯޑުގެ ހޫނުމިން ނަފީޒާއަށް އެނގި ހުރެ ބުނެލި އެވެ.

"ކަންބޮޑުކުރާށޭ... ކޮންކަމާތަ މަށާ އަޅައިގަނެގެން ތިއުޅެނީ. އިޒީކިއަލް މަށާ އިނީމަތަ؟. އޭނާ ކައިވެނި ކުރީ އަހަރެން ބުނެގެންނެއްނޫނޭ. ނޫނީ ކަލެއާ އިންނަން އޭނާ އެއްބަސްވެފައި އޮތީތަ؟. އެހެންވެތަ ތިހާ ވަރެއް ވެގެން ތިއުޅެނީ. ބޮޑު އުނދަގުލަކަށް ވެއްޖެ މިކަންތައް." މިޔާ ކޮންޓްރޯލުން ނެއްޓުނު ކަހަލަ އެވެ. އޭނާ ބާރުބާރަށް އެއްޗެހި ކިޔަމުން ދިޔަ އެވެ. އެވަގުތު ސާދުނާ އެތައް އައުންވީ އަލިފާނަށް ދަރުއެޅުން ކަހަލަ ކަމަކަށެވެ.

"ކިހިނެއްވެގެން މިއުޅެނީ. މެޑަމް ކޯފާވީތަ." ސާދުނާ މަލާމާތުގެ ރާގެއްގައި ފަހު ބަސްތައް އިއްވާލި އެވެ. މިޔާގެ ދެ ބުމަ ގޮށްޖެހިގެން ދިޔަ އެވެ.

"ކަލޭތީ އަދި ކާކުތަ؟. ކަލޭމެން ދެ މީހުންގެ މޫނަށް އަހަރެން މި ޖޯޑު ޖަހަންތަ. އޭރުން އެނގިދާނެ އެހާ ހޫނު ނޫންކަން." މިޔާ މޭޒުމަތިން ޖޯޑު ނެގި އެވެ.

"ކޮންކަމަކާ ތިހާ ބާރަށް ތި ހަޅޭލަވަނީ. ސާދުނާ ކޮންކުށެއް ކުރީ. ބަންޑުންވީމާ އަނެއްކާ އަނެއްތަށި ވެސް ގިރައިގެން ގެންނާނި އަހަރެން ދޯ." ނަފީޒާ ބުނެލި އެވެ.

"ތިތާ ނުހުރެ ދުރަށް ޖެހިބަލަ. އަމިއްލަ ހުރެގެން ތަން ސާފެއްނުވާނެ." މޭޒުމައްޗާއި ތަޅުންމައްޗަށް ބަންޑުންވެފައިވާ ޗޮކުލެޓުތައް ސާފުކުރާން ސާދުނާ ކައިރިވެލައި ކޮނޑުން މިޔާގެ ގައިގާ ޖެހިގަނެ ދުރުކޮށްލި އެވެ.

"އެކްޓް ކުރަން ކަލޭމެން ވަރެއްނުވާނެ. ޚާއްޞަކޮށް ނަފީޒާއަށް އޮސްކާއެއް ދޭވަރުވޭ. އިޒީކިއަލް އަންނައިރަށް ކަލޭމެންހާ މައުސޫމްބައެއް ދުނިޔޭގައި ނުތިބޭނެ. އިޒީކިއަލް ކައިރިޔަށް ވާހަކަ އުފުލާއިރު އަހަރެން ނުބައިކަމުން ނުކުރާކަމެއް ނޯންނާނެ." މިޔާއަށް ބުނެވުނެވެ. އަދި އޭނާއަށް ދަތްކުނޑިވިކައި ގަނެވުނެވެ. ރުޅި އައިސްގެން ގޮސް މީހާ ފަޅައިގެން ހިނގައިދާނޭ މީޔާ ހީވެ އެވެ. އަތުގައި ޖެހުނު އެއްޗެއް ސުންނާފަތިކޮށްލަން އޭނާ އެވަގުތު ހުރީ ބޭނުންވެފަ އެވެ.

ލޯ މަތިން މަންޒަރު ބަދަލުވެލި ހެން ހީވުމާއެކު މިޔާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. މީހާ އަރިއަށް ދާހެން ހީވިއިރު ލޯ މަތިން މަންޒަރު އެނބުރޭން ފެށިހެން ހީވި އެވެ. ގޮތެއްވާކަން އޭނާއަށް އެނގުނެވެ. ކާމޭޒުގެ ގޮނޑީގައި ހިފާލަން އަތް އެއްލި ނަމަވެސް އެއަށްވުރެ ކުރީން އޭނާ ތަޅުން މައްޗަށް ވެއްޓިއްޖެ އެވެ.

"ކިހިނެއް އެވީ." ސާދުނާގެ ކަންބޮޑުވުމުގެ އަޑު އިވިގެން ދިޔަ އެވެ. މިޔާގެ ޚަބަރު ހުސްވީ އެހިނދު އެވެ.

(ނުނިމޭ)