ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަތުހުﷲ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް -- ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށެވެ.
ފަތުހުﷲ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގައެވެ.
ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.