ޑރ. މުހައްމަދު މުއިއްޒު

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޭނަން: ރައީސް

މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެއްޓެވި ސިލްސިލާއެއް ކަމުގައިވާ "ރައީސްގެ ޖަވާބު"ގައި މަސްވެރިޔަކު ކުރެއްވި ސުވާލަކަށް ދެއްވެވި ޖަވާބުގައެވެ.

މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިއަދު ފުރަތަމަ ސުވާލު ކުރެއްވީ ހދ. ނޮޅިވަރަންފަރު، ހިޖުރަ، އަބްދުލްޣަނީ އެވެ.

މަސްވެރިޔެއް ކަމަށްވާ އަބްދުލްޣަނީ ރައީސްއާ ސުވާލުކުރެއްވީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުންނެވެ.

ޣަނީގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ ހުރި ކަމަށެވެ.

އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދެފަހަރެއްގެ މަތިން މިހާތަނަށް 200 މިލިއަން ރުފިޔާ މަސްވެރިންނާ ހަވާލުކުރައްވާފައިވާ ކަމަށެވެސް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަށް ހަވާލުކޮށް ނިންމެވުމަށް ކަމަށެވެ. އެއަށްފަހު ކުރިއަށް އޮތް ތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވާން ނުޖެހޭ ގޮތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް މި ސިލްސިލާގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބު ދެއްވަމުން ގެންދަވާނެ އެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް އާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.